މިހާރުވެސް ފެންނަނީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފުރާނައިގެ އަގަށްވުރެ ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތި ކުރާން އުޅޭ މަންޒަރު ކަމަށް ވިދާޅުވެ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އާއިލީ ބޭފުޅުންނަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.
ވައްޑެ މިގޮތަށް ވިދާޅުވެފައި މިވަނީ އަލިފުށީ ދާއިރާ މެންބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ސެކްރެޓްރީ ޖެނަރަލް މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ގެ ދިފާއުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލެޑީ ފަޒުނާ އަހުމަދު ވާހަކަ ދައްކަވާފައިވާތީއެވެ. އަދި ރައީސް ސޯލިހުގެ އާއިލާގެ ބޭފުޅުންނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުންވެސް އަންނަނީ ބިގޭގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
ވައްޑެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ނުބަލަން ދައްކަވާ ކޮންމެ ވާހަކައެއް ދިފާއު ކުރަން މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ.
"މިހާރުވެސް މި ފެންނަނީ ރައީސް ނަޝީދުގެ ފުރާނައިގެ އަގަށްވުރެ، ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތި ކުރާން އުޅޭ ތަން. ބޮމުގެ މައްސަލައިގައި ވެސް ފެންނަނީ ނުބަލާން ދައްކާ ކޮންމެ ބަހަނާއެއް ދިފާއު ކުރާން އުޅޭ ތަން،" ވައްޑެ ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ހުރަސް އަޅަމުންދާ ކަމަށްބުނެ، އެމަނިކުފާނުގެ އެންމެ އަރިސް ބައެއް ބޭފުޅުން ވަނީ ބިގޭއަށް ހޫނު ރައްދުތަކެއް ދެއްވައި، ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ބަދަލު ކުރެއްވުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ބިގޭ ކަމަށެވެ.
އެގޮތަށް ތުހުމަތުކޮށްފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި، ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ ބެއްލެވުމަށް ރައީސް ނަޝީދު ހުށަހެޅުއްވުމުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމެޓީން އެ މައްސަލަ ބޭރުކޮށްލައިފައިވާތީއެވެ. ކޮމިޓީން އެ މައްސަލަ ބޭރުކޮށްލުމުގައިވެސް އިސް ދައުރެއް އަދާކޮށްފައިވަނީ ބިގޭ ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.
ބިގޭ މިއަދު ބައިވެރިވި ރާއްޖެ ޓީވީގެ ޕްރޮގްރާމް ޝެއާ ކުރައްވައި މެޑަމް ފަޒްނާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕްރޮގްރާމުގައި އޭނާ ވާހަކަ ދެއްކެވީ އަސްލު މައްސަލައަށް ކަމަށާއި ވަކި މީހަކު މޮޅުކޮށް ނުވަތަ ދެރަކޮށްފައި ނޫން ކަމަށެވެ. އަދި ނިންމުންތައް ނިންމުމުގައި އިސްކަންދެނީ ވަގުތާއި ހާލަތަށް ބަލައި، އެއިރެއްގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް މެޑަމް ވިދާޅުވިއެވެ.
"ބިގޭއަކީ ވެސް ބަސްމަދު، އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ، ހީވާގި ލީޑަރެއްކަން ހާމަވެގެން ހިނގައްޖެ،" މެޑަމް ވިދާޅުވިއެވެ.
ރާއްޖެ ޓީވީގައި ބިގޭ މިއަދު ވިދާޅުވީ އޭނާއަކީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ސެކްރެޓަރީ ޖެނަރަލް ކަމަށާއި ސަރުކާރާއި މަޖިލީހުން އަދި އެހެން ދިމާތަކުން ވެސް މުއާމަލާތު ކުރާނީ އޭނާއާ ކަމަށެވެ. ނަމަވެސް ޑިފެންސް މިނިސްޓަރުގެ ނައިބު ޒަމީލާ ގުޅޭގޮތުން ބޭއްވި އިމްތިޔާޒު ކޮމިޓީގެ މަސައްކަތް އޮތް ދުވަހު ރައީސް ސޯލިހު އޭނާއަށް ނުގުޅުއްވާ ކަމަށާއި އެ ވަގުތު ރައީސް ގުޅުއްވި ނަމަ އެންމެ އިންސާފުވެރި ގޮތެއް ވިސްނަވައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތަށް ހިނގައިދިޔަ ކަމެއްގައި ޕާޓީން އައި ފާޑު ކިޔުންތައް ބަލައިނުގަނެވޭނެ ކަމަށާއި އޭނާ ވެސް ބޭނުން ވަނީ ނަޝީދަށް ދިން ހަމަލާއަށް އިންސާފު ލިބުން ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ އެ ނިޔަތުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫންކަން ފާހަގަކޮށް ބިގޭ ވިދާޅުވީ، އިންސާފާ ހަމައަށް ވާސިލުވުމަށް ފުރޮޅަން ޖެހުނު ކޮންމެ ގާކޮޅެއް ވެސް ފުރޮޅާނެ ކަމަށެވެ.
ހަމަލާއަށް ފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިސްތިއުފާއަށް އެމްޑީޕީގެ ބައެއް މެންބަރުން ގޮވަމުންދާއިރު ބިގޭ ވިދާޅުވީ، އެކަމަނާ އަކީ އެމްޑީޕީގެ މަންމަ ކަމަށް ޕާޓީގެ ހުރިހާ މެންބަރުން ވެސް ބަލައިގަންނަ ކަމަށެވެ. އަދި އެމްޑީޕީއާ ރައީސް ނަޝީދަށް ދެރަވާނެ ކަމެއް މާރިޔާ ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.