ދުނިޔޭގެ ހާލަތު ތާއަބަދު އެއްގޮތެއްގައި ދެމި ނޯންނާނެ ކަމާއި ތަދުމަޑުކަމަކަށް ފަހު ތިޔާގި ކަމެއް އަންނާނެކަން ދަންނަން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ މުސްލިމުންނަށް ވާޖިބުވެގެން ވަނީ، ﷲ މިންވަރު ކުރެއްވި ކަމެއް މެނުވީ ކުރިމަތި ނުވާނެކަން ހިތުގެ އަޑިން ގަބޫލުކޮށް، ﷲ އާ ވަކީލުކޮށް، ސަވާބާއި ދަރުމައަށް އެދޭ ހާލު، ކެތްތެރިވުން ކަމަށެވެ.

"އަޅުގަނޑުމެން ދަންނަން ޖެހޭ ހަގީގަތަކީ ދުނިޔޭގެ ހާލަތު ތާއަބަދު އެއްގޮތެއްގައި ދެމި ނޯންނާނެ ކަމެވެ. ތަދުމަޑުކަމަކަށް ފަހު ތިޔާގި ކަމެއް އަންނާނެ ކަމެވެ. މިއީ ދުނިޔޭގައި ކަން ހިނގާ ގޮތެވެ. ހަމަ އެފަދައިން ހިތާމަތަކާއި ހިތްދަތިކަމާއި ހިތް ނޭދޭ ކަންކަން ތަހައްމަލު ކުރަން ނުޖެހޭ ބަޔަކު ނޫޅޭކަން ވެސް ހަނދާނަން ގެންނަން ޖެހެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ބޮޑު މުސީބާތެއް ނުވަތަ ބަލިމަޑުކަމެއް ޖެހުމުން މުސްލިމް އަޅާ، އަމަލުކުރަންވީ ގޮތާއި، ޝަރުއީ ހަމަތައް ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށާއި ބައެއް މީހުން ހާސްވެ، ކަންބޮޑުވެ، މާޔޫސްވެ، މާތް ﷲގެ ރަހުމަތުން އުއްމީދު ކަނޑައިލާ ކަމަށެވެ. އަދި ބައެއް މީހުންގެ އީމާންކަން ބަލިކަށިވެ، ﷲ އާ މެދު ކުށް ހީތައް ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

"ﷲ ތައާލާ ހުރިހާ ކަމެއް ވަނީ، މިންވަރުކުރައްވާފައި ކަން، ކޮންމެ މުސްލިމަކު ހިތުގެ އަޑިން ގަބޫލުކޮށް، ކަށަވަރުކުރަން ޖެހެއެވެ. އެއީ އީމާންކަމުގެ ރުކުނެކެވެ. ދުނިޔޭގައި އިންސާނާ ހިތް ނޭދޭ ކަންކަން މާތް ﷲ ލައްވާފައި ވަނީ، އިލާހީ މަތިވެރި ހިކުމަތަކަށް ޓަކައެވެ. އެކަން ވަނީ އެކަލާނގެ އަދުލުވެރި އިމްތިހާނުގެ ތެރެއިންނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ މުސީބާތެއް މެދުވެރިވުމުން، އެކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ސިއްހީ ފިޔަވަޅުތަކާއި ދީނީ އިރުޝާދުތައް ދެނެގަންނަން ޖެހޭ ކަމަށާއި އަދި ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމުން، މުސްލިމުންނަށް ހުރި މަތިވެރި ސަވާބާއި ދަރުމައިގެ އުފާވެރިކަން ވެސް ހިތްމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.