ޔޫރޯ 2020 މިރޭ ފަށާނީ އިޓަލީއާއި ތުރުކީގެ ކުރިމަތިލުމުންނެވެ. މުބާރާތުގެ ފުރަތަމަ މެޗު އަބަދުވެސް ހާއްސަ ވާނެއެވެ. ރޯމްގެ ހިތްގައިމު ކަމުގައި މެޗު ކުޅެވޭނީ ތާރީހީ ސްޓޭޑިއޯ އޮލިމްޕިކޯގައެވެ. ފެށުމުގެ ރަސްމިއްޔާތަކަށްފަހު މެޗުގެ ކުޅުން ފެށޭ އިރު، މެޗު ވެގެންދާނީ ދިގު އިންތިޒާރެއްގެ ނިމުމަށެވެ. މިދިޔަ އަހަރު ބާއްވަން އޮތް ޔޫރޯ ކޮވިޑް 19ގެ ހާލަތާ ގުޅިގެން މިއަހަރަށް ފަސްކުރުމަށްފަހު، މިރޭ ވެގެންދާނީ ސަޕޯޓަރުންގެ އިންތިޒާރަށް ނިމުން ގެނުވާނެ ރެއަށެވެ.

  • އިޓަލީ - ތުރުކީ

މީގެ ކުރިން އެކިއެކި މުބާރާތްތަކުގައި އިޓަލީއާއި ތުރުކީ ވަނީ 10 ފަހަރެއްގެ މަތިން ވާދަވެރި މެޗުތަކުގައި ކުރިމަތިލައިފައެވެ. ތުރުކީއަށް މިހާތަނަށް އިޓަލީ ބަލިކުރެވިފައިނުވާ އިރު، އިޓަލީ ވަނީ ހަތް މެޗުން ތުރުކީ ކައިރިން މޮޅުވެފައެވެ. ތިން މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެންމެ ފަހުން އިޓަލީއާއި ތުރުކީ ކުޅުނީ 2006 ވަނަ އަހަރު އެކުވެރިކަމުގެ މެޗެކެވެ. އޭރު ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި އޮތް އިޓަލީއާ ތުރުކީ ވަނީ 1-1 އިން އެއްވަރުކޮށްފައެވެ.

  • އިޓަލީ

މެޗާ ގުޅިގެން އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނެފައިވަނީ މުބާރާތް ފަށާ މެޗަކީ އުނދަގޫ މެޗެއް ނަމަވެސް މިއީ އިޓަލީގެ ސަޕޯޓަރުން ހެއްވާލަން ލިބޭނެ ފުރުސަތު ކަމަށެވެ.

"މުބާރާތް ހުޅުވާ މެޗަކީ އެންމެ އުނދަގޫ މެޗު. މޮޅުވުން މުހިއްމުވާނެ. އެ މެޗަކީ މުބާރާތުގައި ހިތްހަމަ ޖެހިލަން ލިބޭނެ ފުރުސަތެއް. އިޓަލީގެ ޓީމާއެކު ސަޕޯޓަރުން އުނދަގޫ ދުވަސްތަކެއް ހޭދަކޮށްފި. މިއީ އަނެއްކާވެސް އަނބުރާ ހިނުތުންވުން ގެންނަން ބޭނުންވާ ވަގުތު. އިޓަލީއަކީ އުފާކޮށް އަބަދުވެސް ހިތްހަމަޖެހުމުގައި ތިބޭ ބައެއް،" 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ވާހަކައަށް އަމާޒުކޮށް މަންޗީނީ ބުނެފައިވެއެވެ.

މަންޗީނީ އިތުރަށް ބުނެފައިވަނީ ތުރުކީއަށް އިހުތިރާމު ކުރާ ކަމަށާއި ތުރުކީގެ ޓީމަކީ ރޫހު ވަރުގަދަ ޓީމެއް ކަމަށެވެ. މެޗަށް ޖަޒުބާތު އުތުރި އަރަމުންދިޔަ ނަމަވެސް ކުޅެން ޖެހޭނީ ވަރަށް ބޮޑަށް ހަމަޖެހިގެން ކަމަށް މަންޗީނީ ފާހަގަކުރިއެވެ.

"ޓީމު އޮތީ ތައްޔާރަށް. ޓީމަށް ތައްޔާރުވެވުނު އެންމެ ބޮޑަށް މިހާރު މިއޮތީ ތައްޔާރުވެފައި. އުނދަގޫ ކަންކަން އައި. އެކަމަކު މިއީ ނަތީޖާ ނެރެން ޖެހޭ ވަގުތު. އަންދާޒާވެސް ނުކޮށްލެވޭނެ ސަޕޯޓަރުންނާއި މުޅި އިޓަލީގެ އާދޭސް. އެމީހުން ބޭނުންވަނީ ފުޓުބޯޅައިން ހިތްހަމަޖެހުން. 2018 ގެ ވޯލްޑް ކަޕަށް ކޮލިފައިނުވެ ދިޔަ ދިޔުމުގެ މާޔޫސްކަން ހަނދާން ނައްތާލަން. މި މުބާރާތުން އެ ނަތީޖާއަށް އުންމީދުކުރަން ޖެހޭ،" އިޓަލީ ކެޕްޓަން ޖޯޖިއޯ ޗިއެލީނީ

  • ތުރުކީ

ތުރުކީގެ ކޯޗު ސެނޯލް ގޫނޭސް ބުނެފައި ވަނީ ފުރަތަމަ މެޗުގައި ނުކުންނަން ޖެހުމަކީ ލިބޭނެ ހާއްސަ ޝަރަފެއް ކަމަށާއި ޓީމުގެ އަމާޒު ވަރަށް ސާފު ކަމަށެވެ.

"ވަރަށް ބޮޑު ފަހުރެއް އެއީ މުބާރާތް ހުޅުވާ މެޗުގައި ކުޅެން ޖެހުމަކީ. ވަރަށް ބޮޑަށް އުފާވޭ ޔޫރޯއާ ހަމައަށް ޓީމާއެކު އާދެވުމުންވެސް. އިޓަލީއަށް އިހުތިރާމް ކުރާނަން. މިއީ ތުރުކީ ޓީމަށް ވަރަށް އާ ތަޖުރިބާއެއް. އެންމެ ތިން ކުޅުންތެރިން ފިޔަވައި ދެން ތިބި ކުޅުންތެރިންނަށް މިއީ ފުރަތަމަ ޔޫރޯ. އިދިކޮޅަށް ހުރި ކޯޗު މަންޗީނީއަކީ ގަލަޓަސަރާއީގައި ހުރެ ތުރުކީ ފުޓުބޯޅަ ދަސްކޮށްފައިވާ ކޯޗެއް، އޭނާއަށް ހުރިހާ ކުޅުންތެރިންވެސް އެނގޭނެ،" ތުރުކީގެ ކޯޗު ގޫނޭސް ބުނެފައިވެއެވެ.

"މިއީ ހާއްސަ މެޗެއް. އިޓަލީގައި ކުޅޭ ކުޅުންވެސް އަހަންނަށް ހާއްސަ، އޭސީ މިލާނަށް އެކުގައި ކުޅޭ ބައިވަރު ކުޅުންތެރިންނާ ދެކޮޅަށް ނުކުންނަން ޖެހެނީ. އަދި އެވެސް ފުރަތަމަ މެޗުގައި. ޔަގީންކަން ދޭނީ ދަނޑުމަތީގައި 100 ޕަސެންޓް ދޭނެކަން. ތައްޔާރަށް މިތިބީ. އިޓަލީ ކައިރިން ހޯދަން ބޭނުންވާ ނަތީޖާއަކީ މޮޅެއް. އެކަމަށް ތައްޔާރުކަން ސާބިތުކުރެވޭނެ،" ތުރުކީގެ ކެޕްޓަން ހަކާން ޗަލަނޯލޫ ބުނެފައިވެއެވެ.

ޔޫރޯގެ ފުރަތަމަ މެޗުގައި އިޓަލީއާއި ތުރުކީ މިރޭ ނުކުންނާނީ ރާއްޖެގަޑިން މެންދަމު 12:00 ގައެވެ.