ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފާއި ހެލްތު މިނިސްޓްރީ ގުޅިގެން އެމަޖެންސީ މެޑިކަލް ސާވިސްގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި މިއަދު ފަށައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، އެ ހިދުމަތް ފެށީ އެމްބިއުލާންސްގެ ހިދުމަތަކީ ވަކިން ދެވޭ އަދި އަވަސް ހިދުމަތަކަށް ހެދުމަށް ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މިދުވަސްވަރުގެ ފޯކަސްއަކީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް އެކަނި އެމަޖެންސީ މެޑިކަލް ސާވިސްގެ ހިދުމަތް ދިނުން ކަމަށެވެ.

މި ދުވަސްވަރު ފޯކަސް ކުރާނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިދުމަތް ބޭނުން ކުރަން ވާނީ އެމަޖެންސީ ހިދުމަތްތަކަށް އެކަނި،" މަބްރޫކް ވިދާޅުވި އެވެ.

އެމަޖެންސީ މެޑިކަލް ސާވިސްގެ ހިދުމަތް ހޯދުމަށް ގުޅަން ޖެހޭނީ 100 އަށެވެ.

އެމްބިއުލާންސްގެ ހިދުމަތް ފުޅާކޮށްފައި މިވަނީ، ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން 10 އަހަރުގެ މިޝްކާ މުހައްމަދު ނިޔާވި މައްސަލައިގައި އެމްބިއުލާންސް އައުން ލަސްވި މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.