ފިލަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި ހޯދަން އިއުލާނުކޮށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ފަހުން ވެސް ރައިސުލްޖުމްހޫރިއްޔާގެ އޮފީހާއެކު ބައްދަލުވުންތަކުގައި ބައިވެރިވެފައިވާނެ ކަމަށް، 14 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބުނެފިއެވެ.
އައްމަޓީ އެހެން ބުނެފައިވަނީ، އޭނާގެ މުއްދަތު އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ.
ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތްކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅުނީ ސްރީލަންކާގައެވެ. އެ މައްސަލައާ ގުޅިގެން 18 އޭޕްރީލް 2019 ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސްވެސް ނެރުނެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލަންކާއިން އޭނާ ހައްޔަރުކޮށް، އިންޓަޕޯލްއާ ގުޅިގެން ވަނީ ރާއްޖެ ގެނެސްފައެވެ.
އައްމަޓީގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ ފިލާފާނެ ކަމަށާއި ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަފާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ވާހަކަތަކަށް ރައްދު ދެމުން އައްމަޓީ ބުނެފައިވަނީ، އޭނާ އަކީ ސްރްލާންކާގެ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށާއި މީގެ ކުރިން އުޅެމުން ދިޔައީ ރާއްޖޭގެ އިތުރުން އަދި ސްރީލަންކާގައި ކަމަށެވެ.
"އަޅުގަނޑު ދިވެހި ދައުލަތަކަށް ފިލައިފައެއް ނުވާނެ. އަޅުގަނޑަކީ ސްރީލަންކާ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށްވާތީ އަޅުގަނޑުގެ ދިރިއުޅުން ބިނާވެފައި އޮންނަނީ މާލެއާ ކޮލަމްބޯއާ ދޭތެރޭގައި،" އައްމަޓީ ބުންޏެވެ.
އެ މައްސަލަ ފެންމަތިވިއިރު އޭނާ ހުރީ ކޮލަމްބޯގައިކަން ފާހަގަކޮށް އައްމަޓީ ބުނީ، މައްސަލައިގެ ތަހުގީގު ފެށި ހިސާބުން ފެށިގެން ފުލުހުންނަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި އަދި ފުލުހުންނާއެކު ވެސް ގިނަ މުއާމަލާތްތަކެއް ކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްގެ އެކި ވެރިންނާ މި މައްސަލައާ ގުޅިގެން ވާހަކަދައްކަމުން ގެންދިޔައިން. ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޓިންތަކުގައި އަޅުގަނޑު ދިޔައީ ބައިވެރިވަމުން. އެހެންވީމަ އަޅުގަނޑަކީ އެއްވެސް ހާލަތެއްގައި ފިލައިގެން އުޅުނު މީހެއް ނޫން. މި މައްސަލައާ ގުޅިގެން އަޅުގަނޑުގެ މައްޗަށް އިންޓަޕޯލްއިން ނޯޓިސް ނެރެފައި ހުރިއިރުވެސް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދޭންޖެހޭ ހުރިއާ އެއްބާރުލުމެއް އަދި ރައީސް އޮފީހުން އަޅުގަނޑު ބައިވެރިކޮށްގެން މި ބައްދަލުވުންތައް ގެންދިޔައީ ކުރިއަށް،" އައްމަޓީ ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނު ކުރީ ފޯޖް ޑޮކިއުމެންޓެއްގެ މައްސަލައެއްގައި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ޑޮކިއުމެންޓް ހެދީ އޭނާ ނޫން ކަމަށް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު