މެންބަރު އަހުމަދު ސިޔާމު މުހައްމަދު

ހިސާނުގެ ކިބައިން މައާފަށް އެދެން ސިޔާމަށް އަންގަން ފާސްކޮށްފި

އަލީ ޔާމިން

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ކިބައިން މައާފަށް އެދެން އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީއިން ނުކުންނަވައި ބޭރުގައި ތިއްބެވި މެންބަރުންނާ ދެކެވުނު ވާހަކަތަކުގެ ތެރެއިން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން "ދަންޖަންސަންޖެހޭ" ކަމަށާއި "އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށް ސިޔާމް ވިދާޅުވެފައިވާ ކަމަށް އެ ކޮމިޓީގެ ބައެއް މެމްބަރުންނާ ހަވާލައިދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އެމައްސަލަ މަޖިލިސް ރައީސްގެ ސަމާލުކަމަށް ވެސް މިހާރު ގެނެސްފައިވާއިރު، އެ މައްސަލަ ބަލައި ދިނުމަށް އެދި، ފުލުހަށާއި ޑިފެންސް މިނިސްޓްރީއަަށް މިހާރު ވަނީ ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން މިއަދު މެންދުރު ފަހު 14:00 ގައި ބޭއްވި މަޖިލީހުގެ ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ހިސާންގެ ކިބައިން ސިޔާމް މައާފަށްއެދިވަޑައިގަތުމަށާއި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ސިޔާމަށް ނަސޭހަތްތެރިވުމަށެވެ. އެގޮތަށް ފާސްކުރީ، ސުކޫލީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ ތެރެއިން ނުވަ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެކަންޏެވެ.

"ހުރިހާ މެންބަރުވެސް ގަބޫލުކުރޭ އެގޮތަށް ކަމަށް އެކަން ކުރެވޭނީ. ހިސާންގެ މައްސަލަ ދާން ޖެހޭ ރޫޓުން އެދަނީ. މިކަހަލަ މައްސަލަތަކުގައި މީގެ ކުރިންވެސް އަމަލުކޮށްފައިވާ ގޮތްވެސް އަޅުގަނޑުމެން ބަލާފައިވާނެ،" ސުލޫކު ކޮމެޓީގެ މެމްބަރަކު "ވަން" އަށް ވިދާޅުވި އެވެ.

އެ މެމްބަރު ވިދާޅުވީ އާންމު އުސޫލަކީ ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވުމަށް ފުރުސަތު ދިނުން ކަމުގައި ވިޔަސް ސިޔާމަށް އެ ފުރުސަތު ނުދޭން ކޮމިޓީން ނިންމި ކަމަށެވެ. ސަބަބަކީ އެކަމަށް އިއުތިރާފުވެ، އެއީ އެ މާނާގައި ދެއްކެވި ވާހަކައެއް ނޫން ކަމަށް ސިޔާމް ޕަބްލިކްގައި ވިދާޅުވެފައިވާތީ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

ސިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅާފަ އެވެ.

ސިޔާމަށް ކޮށްފައިވާ ތުހުމަތުތަކާއެކު އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާމަކީ އެއްވެސް މީހަކަށް އަނިޔާއެއް ދޭނެ މީހެއް ނޫން ކަމަށާއި ސިޔާމް ދެއްކެވި ވާހަކައިގެ މަފްހޫމު އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއީ ސިޔާމާމެދު ނަފުރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން އެޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ.

އެމްޑީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކުގައި މެންބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެން ޖިނާއީ ތަހުގީގު ކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ސިޔާމު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައިގެ މަފުހޫމު އޮޅުވާލައި، އެކަން ތަހުގީގު ކުރުމަށް ފުލުސް އޮފީހަށާއި ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުން ބަލައި ނުގަންނަ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.