މި އަހަރުގެ ތެރޭގައި ފުލުހުންގެ ޔުނީފޯމުގައި ހަރުކުރާ ކެމެރާ (ބޮޑީވޯން ކެމެރާ) ބޭނުންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މުޒާހަރާތަކާއި އެކިއެކި އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވާ އިރު ބޮޑީ ކެމެރާ ބޭނުން ނުކުރާ މައްސަލައިގައި މެމްބަރު މީކާއީލް ލިޔުމުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބޮޑީ ވޯން ކެމެރާ ޕޮލިސީ ލެވެލްގައި ބޭނުން ކުރަން ނިންމައި ހުސްވި 2020 ވަނަ އަހަރު މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19ގެ ޕެންޑަމިކާ ގުޅިގެން އެކަން ވެފައިނުވާ ކަމަށެވެ.

ނަމަވެސް މި ހިނގާ 2021 ވަނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނައިގެން، 1400 ކެމެރާ ހޯދުމަށް ޕައިލެޓް ޕްރޮގްރާމެއް ހިންގެވި ކަމަށާއި "އެގޮތުން ރިލައިބިލިޓީއަށް ބަލައި އެމެރިކާގެ އެކްސް އޯން މަރުކާގެ ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށް ޓެންޑާ ބޯޑަށް ހުށަހެޅުމުން އެގޮތަށް އެކަންކުރަން ނުފެންނަ ކަމަށް ޓެންޑާ ބޯޑުން 5 މޭ ގައި ނިންމާފައިވާ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ފްރަންޓް ލައިންގައި ހަރަކާތްތެރިވާ ބައެއް ފުލުހުންގެ ގައިގައި ބޮޑީ ކެމެރާ ހަރުކޮށް، މިދިޔަ އަހަރު އެ ޓެކްނޮލޮޖީ ވަނީ ޓެސްޓުވެސް ކޮށްފައެވެ.