ޔޫރޯ 2020 އަށް ޔޫކްރެއިން ތައްޔާރުކޮށްފައިވަނީ "ސިޔާސީ ޖާޒީ"އެއް ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެދޭ ކަމަށް ރަޝިއާއިން ޔޫއެފާއަށް އަންގައިފިއެވެ.

ޔޫކްރެއިންގެ ޖާޒީގައި ޔޫކްރެއިން ޗާޓުން ފެންނަ ގޮތުގެ ކުރެހުމެއް ހިމަނާފައިވާ އިރު، 2014 ވަނަ އަހަރު ރަޝިއާއިން ގަދަކަމުން އަތުލައިގެންފައިވާ ކްރިމިއާ ސަރަހައްދަކީ ޔޫކްރެއިންގެ ސަރަހައްދެއްގެ ގޮތުގައި ދައްކުވާފައިވެއެވެ. އެކަމުގެ އިތުރުން ރަޝިއާއިން ދެން ރުޅި ގަދަވެފައި ވަނީ ޔޫކްރެއިންގެ ސިފައިންގެ ތެރޭގައި ރަސްމީކޮށް ބޭނުންކުރާ ސްލޯގަންއެއް ކަމަށްވާ "ގްލޯރީ ޓު ޔޫކްރެއިން، ގްލޯރީ ޓު ހީރޯސް،" މި ސްލޯގަން ޖާޒީގެ ފަހަތުގައި ޖަހާފައިވާތީއެވެ.

އެ ސްލޯގަންއަކީ ރަޝިއާގެ ތާއީދުގައި ޔޫކްރެއިންގެ ރައީސަކަށް 2014 ވަނަ އަހަރުގެ ރައީސް ވިކްތޯރު ޔަނުކޮވީކް މަގާމުން ދުރުކުރުމަށް ކުރި މުޒާހަރާތަކުގައިވެސް ބޭނުންކުރި ސްލޯގަންއެކެވެ.

ރަޝިއާގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނެފައިވަނީ ޔޫކްރެއިންގެ ޖާޒީއަކީ ޔޫއެފާގެ މިންގަނޑުތަކާ ހިލާފު ޖާޒީއެއް ކަމަށެވެ. ރަޝިއާގެ ބައެއް މަޖިލިސް މެމްބަރުންވެސް އެ ޖާޒީ ކުށްވެރި ކޮށްފައިވާ އިރު، ރަޝިއާގެ ފޮރިން މިނިސްޓަރުގެ ތަރުޖަމާނު މާރިއާ ޒަހަރޯވާ ބުނެފައިވަނީ ޔޫކްރެއިން ދައްކަން ބޭނުންވަނީ ރަޝިއާގެ އަތްދަށުގައި އޮތް ކްރިމިއާގެ ބިންތަކަކީ އެގައުމުގެ މިލްކެއް ކަމަށް ނަމަވެސް، އެއީ އެގައުމަށް ހާސިލުވާނެ ކަމެއް ނޫން ކަމަށެވެ.

ޔޫކްރެއިންގެ ފުޓުބޯޅަ އިދާރާގެ ރައީސް އަންދްރޭ ޕަވެލްކޯ ޔޫކްރެއިން ގައުމީ ޓީމުގެ އާ ޖާޒީ އިއުލާން ކޮށްފައިވާ އިރު، އޭނާ ބުނެފައި ވަނީ ޖާޒީގައި ކުޅުން ވެގެންދާނީ ޔޫކްރެއިންގެ ކުޅުންތެރިންނަށް ބޮޑު ހިތްވަރަކަށް ކަމަށެވެ. އެ ޖާޒީއަށް ތާއީދުކުރައްވައި ޔޫކްރެއިންގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ވަނީ އިންސްޓާގްރާމްގައި ޕޯސްޓެއްވެސް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެއީ ހާއްސަ ޖާޒީއެއް ކަމަށެވެ.

ޔޫކްރެއިންގެ ޓީމުން އެކަމާ މާ ބޮޑަށް ވާހަކަ ދައްކައިފައެއް ނުވެއެވެ. ޔޫއެފާއިން ބުނެފައިވަނީ އެ އިދާރާގެ މިންގަނޑުތަކަށް ބަލައި ޖާޒީއަށް އެޕްރޫވަލް ދީފައިވާ ކަމަށެވެ. އެހެންކަމުން ޔޫރޯގައި ޔޫކްރެއިން ފެންނާނީ އެ ޖާޒީގައެވެ.