ޚަބަރު

ސިޔާމް ދެއްކެވި ވާހަކަ ދަނީ އޮޅުވާލަމުން، ނަފުރަތު އުފެއްދުން ކުށްވެރިކުރަން: އެމްޑީއޭ

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު މަޖިލީހުގެ ކޮމިޓީއެއްގައި ދެއްކެވި ވާހަކައިގެ މަފްހޫމު އޮޅުވާލައި، ސިޔާމާމެދު ނަފްރަތު އުފައްދަމުންގެންދާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެޕާޓީން ބުނެފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީއިން ނުކުންނަވައި ބޭރުގައި ތިއްބެވި މެންބަރުންނާ ދެކެވުނު ވާހަކަތަކުގެ ތެރެއިން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން "ދަންޖަންސަންޖެހޭ" ކަމަށާއި "އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ" ކަމަށް ސިޔާމް ވިދާޅުވެފައިވާ ކަމަށް އެ ކޮމިޓީގެ ބައެއް މެމްބަރުންނާ ހަވާލައިދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އެމައްސަލަ މަޖިލިސް ރައީސްގެ ސަމާލުކަމަށް ވެސް މިހާރު ގެނެސްފައިވާއިރު، މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ބަލައި ދިނުމަށް އެދި، ފުލުހަށާއި ޑިފެންސް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސިޔާމަކީ އެއްވެސް މީހަކަށް އަނިޔާއެއް ދޭނެ މީހެއް ނޫން ކަމަށާއި ސިޔާމް ދެއްކެވި ވާހަކައިގެ މަފްހޫމު އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއީ ސިޔާމާމެދު ނަފުރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ސިޔާމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެ ވާހަކައިގެ މުޅި މަފުހޫމު އޮޅުވާލައި ތަފާތު އެކި މަންސަތަކުގައި މިޕާޓީގެ ލީޑަރާމެދު ނަފުރަތު އުފައްދަމުން ގެންދާ ގެންދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. މި ޕާޓީގެ ލީޑަރަކީ އެއްވެސް އިރެއްގައި މީހަކަށް އަނިޔާވެރިވުމަށް ގޮވާލާނެ އަދި އެއްވެސް މީަހަކަށް އަނިޔާއެއް ލިބުމަށް އެދޭނެ މީހެއް ނޫން ކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަން،" އެމްޑީއޭގެ ބަޔާނުގައިވެ އެވެ.

އެމްޑީއޭއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކުގައި މެންބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެން ޖިނާއީ ތަހުގީގު ކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ސިޔާމު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައިގެ މަފުހޫމު އޮޅުވާލައި، އެކަން ތަހުގީގު ކުރުމަށް ފުލުސް އޮފީހަށާއި ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުން ބަލައި ނުގަންނަ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

މަޖިލީހަކީ ގާނޫނު އަސާސީގެ ދަށުން ވަރަށް މުހިންމު ޒިންމާއެއް ހަވާލުވެފައިވާ ދައުލަތުގެ އެއް ބާރު ކަމަށާއި މަޖިލީހުގައި އެ ޕާޓީގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އިސްލާމްދީނަށާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ކަމަށް ވެސް އެމްޑީއޭ އިން ބުންޏެވެ. އަދި މުސްތަގުބަލުގައިވެސް އެ މަސައްކަތް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އެމްޑީއޭގެ ބަޔާނުގައިވެ އެވެ.