ކޮވިޑާއެކު ތިން އަހަރެއްހައި ދުވަހު އުޅޭން ޖެހޭނެ ސިއްހީ މާހިރުން ވިދާޅުވާ ކަމަށާއި ކަންކަން ރާވަމުން ގެންދަނީ އެމަގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮވިޑާ އެކީގައި އިގުތިސާދީ ހަރަކާތްތައް ކުރިއަށްދާން ޖެހޭނެ ކަމަށާއި އެނޫން ގޮތެއް އޮތް ކަމަކަށް ސިއްހީ އެއްވެސް މާހިރަކު ހާމަކޮށްފައި ނުވާ ކަމަށެވެ.
"ދުނިޔޭގެ ތަޖުރިބާކާރު ސިއްހީ މާހިރުން އެ ވިދާޅުވަނީ ކުރިއަށްއޮތް ދެ އަހަރު، ތިން އަހަރު މީގެ ތެރޭގައި އުޅެން ޖެހޭނެ ކަމަށް. އެހެންވީމާ އެއަށް ތައްޔާރުވެގެން، މިއާއެކީގައި އުޅެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެގޮތުން ކޮވިޑަށް އަޅުގަނޑުމެން ތައްޔާރުކޮށްފައި ހުރި ފެސިލިޓީތައް ދެ އަހަރު، ތިން އަހަރަށް މިތަންތަން ބަހައްޓާނެ ގޮތަށް ދާއިމީ ކުރުމަށް ޕްލޭނެއް ރޭވިގެން މިދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު މިދަނީ ރަނގަޅު ދިމާއަށް، ރަނގަޅު މިސްރާބަށް ކަމަށާއި ދުވަހަކަށް ވުރެ ދުވަހެއް ޕޮޒިޓިވްވާ މިންވަރު ދަށްވަމުން އަންނަ ކަމަށެވެ. އަދި ދެ ހަފުތާ ވަންދެން މިހާރު އަޅާފައި ހުރި ފިޔަވަޅުތަކާ އެކީގައި އެއަށް އަމަލުކުރެވިއްޖެ ކަމަށް ވެއްޖެއްޔާ ލުއިތަކެއް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގުމާއި، އެ ނޫން ވަގުތުތަކުގައި ހުއްދައާ އެކުގައި ނޫނީ ބޭރުގައި ނޫޅެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ކެފޭ/ރެސްޓޯރެންޓްތަކުގެ ޑައިނިންގެ ހިދުމަތް މެދުކަނޑާލައި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް ވަނީ މެދުކަނޑާލައިފައެވެ.
މިިދިޔަ މަހު އެކަނިވެސް ރާއްޖޭގައި 34،565 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، އެ މަހު އެކަނިވެސް 88 މީހުން ކޮވިޑް ބަލީގައި މަރުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު