އިތުރު 14 ދުވަހު ގޭގައި މަޑުކޮށްދިނުމަށް އިލްތިމާސްކުރާ ކަމަށާއި އޭރުން އަންނަ މަހުގެ ތެރޭގައި ދަތުރުކުރުމުގެ ފުރުސަތު ލިބިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އާއިލާއާއެކު ގޭތެރޭގައި ތިބެން ޖެހުމަކީ ވަރަށްވެސް ދަތިވާ ކަމެއް ކަމަށާއި އެކަން އެންމެންވެސް ދަންނަ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ފެންނަނީ ދެ ހަފުތާ އަދި ހިތްވަރުކޮށްލަން. ޖުލައި މަސް ތެރޭގައި އެބަ އާދެ ވަރަށް ބޮޑު ޗުއްޓީއެއް. ބޮޑު އީދާއި ޖުލައި 26އާ އެއްކޮށް ގާތްގަނޑަކަށް 14 ނުވަތަ 15 ދުވަހުގެ ބަންދެއް އެކީގައި އެބަ އާދެ. އެ ޗުއްޓީއަށް މިހާރު ގޭގައި މަޑުކޮށްލާފައި އެ ޗުއްޓީއަށް ތައްޔާރުވުންހެން ރަނގަޅުވާނީ. އޭރަށް އެކީއެކައްޗަށް ނިއު ނޯމަލްއެއްގައި އުޅެވޭ ހިސާބަށް ދެވުމަކީ އެކަށީގެންވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ މަހުގެ މެދު ތެރޭގައި ވެކްސިންގެ އާ ބުރު ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އުންމީދަކީ އެހާތަނަށް ލުއިތައްދީ، މޫވްމެންޓް އިތުރުކުރުން ކަމަށެވެ. އެހެންކަމުން މި ދުވަސްވަރު ގޭގައި މަޑުކޮށްލުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން ރަށްރަށުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅުތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުން ވަނީ މެދުކަނޑާލައިފައެވެ.

މިހާރު މާލެއިން އަތޮޅުތަކަށް ޒަރޫރީ ބޭނުންތަކަށް ދަތުރުކުރެވޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާން ޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާން ޖެހޭ މީހުންނަށެވެ. އަދި މާލޭގައި އަދާކުރަމުން އަންނަ ވަޒީފާގެ މަސައްކަތް ހުއްޓާލަން ޖެހުމާ ގުޅިގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވާ މީހުންނަށްވެސް ހުއްދަ ލިބޭނެއެވެ.

އޭގެ އިތުރުން މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލުކުރަން ޖެހޭ މީހުންނާއި މާލެއަށް ތައުލީމު ހާސިލުކުރުމަށް އައިސް ތައުލީމު ހާސިލުކުރުން މުޅިން ނިމި، ރަށަށް އެނބުރި ދާން ޖެހިފައިވާ މީހުންނަށްވެސް ހުއްދަ ލިބޭނެއެވެ. މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ފަރާތްތައް ނުހިމެނެއެވެ. އަދި މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް ދާން ޖެހޭ މީހުންނަށްވެސް ހުއްދަ ދޭން އެޗްޕީއޭއިން ވަނީ ނިންމައިފައެވެ.