ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް މިމަސް ނިމުމުގެ ކުރީން ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖުގެ ޓެންޑާ ބަންދުކުރެވި، އިވެލުއޭޝަން މަސައްކަތް މިހާރު ނިމުމަކާ ގާތުގައިވާ ކަމަށެވެ. އުންމީދު ކުރައްވަނީ މި މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލުކުރެވުން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް އުންމީދު މި ކުރެވެނީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި، ބްރިޖު އިވެލުއޭޓްކޮށް ނިންމައި، ވަކި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް. އެހެންވީމަ މި މަސް ނިމުމުގެ ކުރިން ބުރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ބަޔަކާ ހަވާލު ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ބައެއް ކަންކަން ލަސްވަމުންދާ ކަމަށާއި އެގޮތުން އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކު (އެގްޒިމް ބޭންކު)އާ އެކު ބާއްވަންޖެހޭ ބައްދަލުވުންތައް ލަސްވުމުގެ ސަބަބުން، ބުރިޖު މަސައްކަތްވެސް ލަސްވެފައިވާ ކަމަށެވެ.

އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް ހަދާ 6.7 ކިލޯ މީޓަރުގެ ބުރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުއެވެ. މިއީ މާލޭ ސަރަހައްދުގައި ހަދާ ދެވަނަ ބުރިޖެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ ދިވެހި ސަރުކާރުން ހިޔާރުކޮށްފައިވާ އިނގިރޭސިވިލާތާއި ހޮންގްކޮންގެ ކުންފުންޏެކެވެ.

ތިލަމާލެ ބުރިޖު މަޝްރޫއަށް އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފައެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.

މި މަޝްރޫއަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީ ފާމް، އެމްއެސް އަރޫފް ލިމިޓެޑަކީ ދިވެހި ސަރުކާރުން ހޮވާފައިވާ ކުންފުންޏެކެވެ. އެ ފާމުން ތައްޔާރުކުރި ޕްރޮޖެކްޓް ރިޕޯޓަށް ދެގައުމުގެ ސަރުކާރުން ވަނީ ރުހުން ދީފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާ ތިލަމާލެ ބްރިޖުގެ މަޝްރޫއަށް 488 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. ނަމަވެސް މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި އެ މަޝްރޫއަށް ހިމަނާފައިވަނީ 411 މިލިއަން ރުފިޔާއެވެ. އަދި މިއަހަރުގެ ބަޖެޓުގައި އެ މަޝްރޫއަށް 469 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.