އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮންސިއުލޭޓް އެޅުމާ ގުޅޭގޮތުން ދެ ހިޔާލެއް އެބަ ގެންގުޅުއްވާ ކަމަށާއި އެކަމާ މެދު މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެކަމާ މެދު އެއްވެސް ގޮތެއް ނުނިންމަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ އެ އުސޫލުން އިންޑިއާ ސަރުކާރުން އެ ހުށަހަޅުއްވަނީ. އަޅުގަނޑުމެން ޖެހޭނެ އެކަމާ ދޭތެރޭގައި މަޝްވަރާކޮށްފައި، އެއަށް (ގޮތެއް) ނިންމަން. އަދި މިހާތަނަށް އަޅުގަނޑުމެން ގޮތެއް ނުނިންމަން އެކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ދެ ކޮންސިއުލޭޓެއް އިންޑިއާ އަދި ސައުދީ އަރަބިއްޔާގައި ހުންނާނެ ކަމަށާއި ޑިޕްލޮމެޓިކް ގުޅުންތައް އޮންނަ ގައުމުތަކުގައި މެދުގައި ކޮންސިއުލޭޓް އެޅުން ފަދަ ކަންކަން ކުރެވިގެންދާ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ އިން ވެސް ހުށަހަޅާފައިވަނީ އެ ވިސްނުމުގައި ކަމަށާއި އެހެންކަމުން އިންޑިއާގެ އެ ހުށަހެޅުމާ މެދު ވިސްނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މިދިޔަ މަހު އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމައިފައެވެ.