މިހާރު އަޅާފައި ހުރި ފިޔަވަޅުތައް އިތުރުކުރުމުގެ ކުރީން ދެވޭނެ ލުއިތައް ދިރާސާކޮށް ގޮތެއް ނިންމާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާއަށް އެޅި ފިޔަވަޅުތައް އިތުރުކުރުމުގެ ކުރިން ދެވޭނެ ލުއިތައް ދިރާސާކޮށް އެކަމަށް ގޮތެއް ނިންމަވާނެ ކަމަށާއި އެ މަސައްކަތް މިހާރުވެސް ކުރައްވަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގެ މެދުތެރެއިން ނަމަވެސް އަޅުގަނޑުމެން ލޮކްޑައުނަށް، ލޮކްޑައުނޭ މި ދަންނަވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނައުމުގެ ކުރިން އަޅުގަނޑުމެންނަށް އިއުލާން ކުރެވޭވަރުވާނެ، ކުރިއަށް މި އޮތް ތަނުގައި އަޅުގަނޑުމެން ރާވާފައިވާ ގޮތް. އަދި އަތޮޅުތެރެއަށްވެސް ލުއިދޭނެ ގޮތްތައް އަޅުގަނޑުމެން ދިރާސާ ކުރަމުން މި އަންނަނީ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފުތާއަކަށް ދިގުދަންމާލަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، އާ އާންމު ހާލަތަކަށް ދެވޭނީ ކޮވިޑުގެ ކޭސްތައް މަދުވެގެން ކަމަށާއި ރައްޔިތުންގެ އެއްބާރުލުމާއެކު ކޮވިޑުގެ ކޭސްތައް މިހާރުވެސް ކޮންމެވެސް ވަރަކަށް މަދުވެފައިވާ ކަމަށެވެ.
ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގުމާއި، އެ ނޫން ވަގުތުތަކުގައި ހުއްދައާ އެކުގައި ނޫނީ ބޭރުގައި ނޫޅެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ކެފޭ/ރެސްޓޯރެންޓްތަކުގެ ޑައިނިންގެ ހިދުމަތް މެދުކަނޑާލައި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް ވަނީ މެދުކަނޑާލައިފައެވެ.
މިިދިޔަ މަހު އެކަނިވެސް ރާއްޖޭގައި 34،565 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، އެ މަހު އެކަނިވެސް 88 މީހުން ކޮވިޑް ބަލީގައި މަރުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު