އެމްބެއުލެންސަށް ގުޅާ ވަގުތުން ފެށިގެން ނަރުހަކު ބަލިމީހާގެ ހާލު ބަލަމުން ގެންދާގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން މަރުވި ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގައި އެމްބިއުލާންސް އައުން ލަސް ނުވާ ކަމަށާއި އެމްބިއުލާންސަށް މެސެޖު ދިއުން ލަސްވީ ކަމަށެވެ. އެގޮތުން މެސެޖު ދިޔަތާ ދިހަ މިނެޓް ތެރޭގައި އެގެއަށް އެމްބިއުލާންސް ދިޔަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އިތުބާރު ކުރަން އެމްބިއުލާންސް ޑްރައިވަރުންނާއި އެމްބިއުލާންސްގައި ތިބޭ ސިއްހީ ހިދުމަތްތެރީންނަށް،" ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، ބަލި މީހުންނަށް ވީހާވެސް އަވަހަކަށް ފަރުވާ ދިނުމަށް އެމްބިއުލާންސްގެ އަދަދު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހަމައެކަނި ކޮވިޑަށް ހާއްސަކޮށްގެން ހަތަރު އެމްބިއުލާންސް ހަރަކާތްތެރިވާ އިރު، އެއް އެމްބިއުލާންސް އަބަދުވެސް ރިޒާވްގައި އޮންނާނެ ކަމަށާއި އެހެންކަމުން އެމްބިއުލާންސްގެ ހިދުމަތް ލިބެންވާ އެންމެންނަށް އެ ހިދުމަތް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

"އެމްބިއުލާންސްގެ ހިދުމަތް ލިބެންވާ މީހުންނަށް ލިބޭނެ. އަޅުގަނޑުމެން ރާވާފައި މިއޮތް ގޮތަކީ ތަޖުރިބާކާރު ނަރުހުން އެމްބިއުލާންސަކަށް ގުޅީއްސުރެ އެ ގެއަކާ ގުޅައިގެން އެގޭގެ ހާލު ބަލަމުން ގެންދިއުން، އެމްބިއުލާންސަށް ދެވެންދެން. ވާހަކަ ދައްކަމުން ދެމުން ގެންދާނީ، ޕޭޝަންޓުގެ ހާލު ބަލަމުން ގެންދާނީ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އެމްބިއުލާންސްގެ މައްސަލައަށް ހައްލެއް ގެނެވި ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ދެވިގެންދާނެ ކަމަށެވެ.