ކޮވިޑުގެ އަދަދުތައް ދަށަށް ދާން ފަށާފައި މި ވަނީ ރައްޔިތުންގެ އެއްބާރުލުން ލިބޭތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، މިދިޔަ މަހަކީ ކޮވިޑުގައި އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި މަސް ކަމަށާއި އެގޮތުން އެ މަހުގައި އެކަނިވެސް 34،565 މީހަކު ޕޮޒިޓިވްވެ، 88 މީހަކު އެ ބަލީގައި މަރުވެފައިވާ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑުގެ އަދަދުތައް ދަށަށް ދާން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ފިޔަވަޅުތަކާއެކު ރައްޔިތުން އެއަށް އަމަލު ކުރަމުން ގެންދެވި ގޮތުގެ ސަބަބުން މިހާރު މިވަނީ ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ދަށަށް ދާން ފަށާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އާ އާންމު ހާލަތަށް ދިއުމަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އަދިވެސް ދަށް ކުރަން ޖެހޭ ކަމަށާއި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަދިވެސް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް 40 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގެ އަދަދަކަށް އުފުލުނެވެ. ނަމަވެސް މިހާރު އެ ރޭޓް ވަނީ 27 އިންސައްތައަށް ވެއްޓިފައެވެ. ޓެގް ޓީމުގެ އަމާޒަކީ، ސާމްޕަލް ޕޮޒިޓިވްވިޓީ ރޭޓް ފަސް އިންސައްތައަށް ވުރެ މަދު ކުރުމެވެ.