ކ. ފަރުކޮޅުފުށި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފްސީލުތައް ދެއްވަމުން މޭޔަރު ޑރ،. މުހައްމަދު މުއިއްޒު ވިދާޅުވީ، ފަރުކޮޅުފުއްޓަކީ ސިޓީ ކައުންސިލުގެ އިހުތިސާސް ތެރޭގައި ހިމެނޭ ރަށެއް ކަމަށާއި ނަމަވެސް އެ ރަށް އަދިވެސް އޮތީ ފަޅު ރަށެއްގެ ގޮތުގައި ކަމަށެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ، ފަރުކޮޅުފުށީގައި އެއްވެސް ކަމެއް ކުރާ ނަމަ އެކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލުގެ ނިންމުމަކީ ފަރުކޮޅުފުއްޓަކީ މާލޭގައި ދިރިއުޅޭ ރަށްޔިތުންނަށް ދަތުރު ދެވޭނެ ރަށަކަށް ހެދުމަށް ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި މިވަނީ ފަރުކޮޅުފުއްޓަކީ ޕިކްނިކް ދެވޭނެ ރަށަކަށް ހެދުމަށް،" މުއިއްޒު ވިދާޅުވިއެވެ.

މާލޭގައި ދިރުއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. ފަރުކޮޅުފުށި މިހާރު ބޭނުން ކުރަމުން އަންނަނީ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައެވެ.