ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިން ސަން، މިސްބާހު މުހައްމަދު ހުރީ ބޭރުގެ ޑްރަގް ނެޓްވޯކެއްގައި ރަހުނެއްގެ ގޮތުގައި ބަހައްޓާފައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނުމުން އެކަން އޭނާ ދޮގުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދިހަ ސުކުންތުގެ ކުރު ވީޑިއޯއެއްގައި ކަޅު ކުލައިގެ އަވި އައިނެއް އަޅައިގެން، ރީނދުލައާއި ކަޅު ކުލައިގެ އަތް ދިގު ގޮޅި ޖެހި ގަމީހެއް ލައިގެން ހުރި މިސްބާހު ބުނެފައިވަނީ، އޭނާއޭ ކިޔައިގެން ފުލުހުން ހަދަނީ ހުސް ދޮގު ކަމަށެވެ.

"އަހަރެންނަކީ ޑްރަގުގެ އެއްވެސް ނެޓްވޯކަކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން،" ގަސްތަކެއްގެ ފަހަތުގައި ހުރެ މިސްބާހު ބުނެފައިވެއެވެ.

އެ ވީޑިއޯ އިން ފެންނަނީ މިސްބާހުކަން އޭނާގެ އާއިލާއިންނާއި ފުލުހުން ވަނީ 'ވަން' އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިސްބާހު ގެއްލުނު ފަހުން އަދި މިއަދާ ހަމައަށް ވެސް އާއިލާއަށް އޭނާގެ ފަރާތުން އެއްވެސް ހަބަރެއް ނުވާކަމަށް އައިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

ފުލުހުން މިރޭ ބުނީ މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ 10:13 ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހު ފުރާފައިވާ ކަމަށާއި އެކަން އިމިގްރޭޝަންގެ ރެކޯޑުތަކުން ދައްކާ ކަމަށެވެ. އަދި އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކުތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށްވެސް ފުލުހުން ބުންޏެވެ.

އިރުފާން ތަގިއްޔު ވަނީ ޑިސެމްބަރު އަށްވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ. އޭނާއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.

ފުލުހުން ބުނީ އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށެވެ.

ފުލުހުން ބުނީ އިރުފާން ތަގިއްޔު މިދިޔަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައިވާ ކަމަށާއި ނަމަވެސް އިރުފާނާއެކު މިސްބާހު ރާއްޖެ އައިސްފައިނުވާ ކަމަށެވެ. އަދި މިސްބާހު، ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

"އެހެންކަމުން މިސްބާހު މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކުގެ ބެލުމުގެ ދަށުގައި 'ގެރެންޓާ' އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ،" ފުލުހުން ކުރިން ބުންޏެވެ.

ނަމަވެސް މިހާރު މިސްބާހު ހުރި ތަނެއް އާއިލާއަށް އަދި ފުލުހުންނަކަށް ވެސް ނޭނގެއެވެ.