ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި، ޑިފެންސް މިނިސްޓްރީގެ ފަރާތުން މަޖިލީހަށް ފޮނުވި ސިޓީގައި އެ މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ ސޮއިކުރައްވާފައި ވާތީ އޭނާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅު ވެ، އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅި މައްސަލަ ރޭ ވަނީ އެ ކޮމިޓީން ބޭރު ކޮށްލައިފައެވެ.
ޒަމީލްގެ މައްސަލަ އިމްތިޔާޒުގެ ކޮމިޓީއަށް ހުށަހެޅުއްވީ، ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމް ތަކަށް ފަރުވާ ހޯއްދަވަން ޖަރުމަނު ވިލާތަށް ވަޑައިގެން ހުންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެ މައްސަލަ ކޮމިޓީން ބޭރު ކޮށްލީ، އެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުންގެ ވޯޓާ އެކުގައެވެ.
އެ މައްސަލަ ކޮމިޓީން ކުރިއަށް ގެންދިއުމާބެހޭގޮތުން ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ޒަމީލް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ކޮމިޓީން ބަލަން ފެންނަ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވިއެވެ. ނަމަވެސް، އެ ހުށަހެޅުން ފާހެއް ނުވި އެވެ.
އޭގެ ބަދަލުގައި ކޮމިޓީން ފާސްކުރީ ޒަމީލްގެ މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ބުނެ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.
އެ ހުށަހެޅުން ފާސްކޮށްފައި ވަނީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ވޯޓާ އެކުގައެވެ
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމް އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވަނީ ސަރުކާރަށް ނުރުހުން ފާޅު ކުރައްވައި ފާޑު ވިދާޅުވެފައެވެ.
އީވާ ސަރުކާރަށް ފާޑު ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާ މެންބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް އަމާޒު ކޮށެވެ.
އެއީ ކޮމިޓީން އެ މައްސަލަ ބޭރު ކޮށްލުމުގައި، އިސްކޮށް ހުންނެވީ އޭނާ ކަމަށް ތުހުމަތު ކުރައްވައެވެ.
ބިގޭގެ މައްޗަށް އެމްޑީޕީގެ ބައެއް މެންބަރުން އެގޮތަށް ތުހުމަތު ކުރައްވާފައި ވަނީ އެ މައްސަލަ ކޮމިޓީން ބޭރުކޮށްލަން ރައީސް ސޯލިހު ވިދާޅުވިކަމަށް ބުނެ ބައެއް މެންބަރުންނަށް ބިގޭ ފޯނު ކުރެއްވި ކަމަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ވަޓްސްއަޕް ގްރޫޕުގައި ބިގޭ ޓެގް ކުރައްވައި އީވާ ވަނީ ރައްޔިތުންގެ މަޖިލިސްގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
ކޮމިޓީގެ އެހެން މެމްބަރުންނަށް ގުޅައިން އެކަން ފަނި ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީން ކުރާ ކަންކަން ކޮންމެ ފަހަރަކު ވެސް ގޯސް ކުރަން ބިގޭ މަސައްކަތް ކުރައްވަނީ ކީއްވެތޯވެސް އީވާ ވަނީ ސުވާލު ކުރައްވައިފައެވެ.
ހަސަން ޒަމީލްގެ މައްސަލަ ކޮމިޓީން ބޭރުކޮށްލުމާ ގުޅިގެން އީވާގެ އިތުރުން، ރައީސް ނަޝީދަށް ސަޕޯޓު ކުރައްވާ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އެހެން ބައެއް މެންބަރުންވެސް ސަރުކާރަށް ވަނީ ފާޑު ވިދާޅުވެފައެވެ.
އެ މައްސަލަ ކޮމިޓީން ބޭރުކޮށްލި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އަރައިގެންފައިވާ ކަމަށް ބުނެ ޒަމީލުގެ މައްޗަށް ޖިނާއީ ދައުވާކޮށްދޭން މަޖިލީހުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުގައި އެދުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ޕީޖީން ވަނީ ލަފާ ދީފައެވެ.
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ