ކުޑަކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި އިންޑިއާގެ ޓީވީ ތަރި ޕާލް ވީ ޕޫރީ ހައްޔަރުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފަސް އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ޕާލްގެ މައްޗަށް ކޮށް، އެކުއްޖާގެ ބައްޕަ ފުލުހަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ކުއްޖާގެ ބައްޕަ އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރު އެވެ. ނަމަވެސް އެކަމަށް ތުހުމަތު ކުރެވޭ މީހާގެ ވަނަވަރު އޭރު އާންމުކޮށްފައެއް ނުވެއެވެ.
ވަސައި ވިރާރު ޕޮލިސް ކޮމިޝަނުގެ ޑީސީޕީ، ސަންޖޭ ޕަޓޭލް ބުނެފައިވާ ގޮތުގައި މައްސަލަ ބަލަމުން އައިއިރު ތުހުމަތު ކުރެވޭ ފަރާތުގެ ވަނަވަރު އާއްމުކޮށްފައެއް ނުވާނެއެވެ.
''އަނިޔާ ލިބުނު ފަރާތުގެ ބަޔާން ރެކޯޑު ކޮށް އަނިޔާ ދިން ފަރާތް ޔަގީންކޮށްދީފައިވާތީ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން'' އޭނާ އިތުރަށް ވިދާޅުވިއެވެ.
ޕާލް ވީ ޕޫރީ ބަންދުކޮށްފައި ވަނީ އިންޑިއާގެ ގާނޫނުގެ ޕީނަލް ކޯޑު ސެކްޝަން 376 އޭބީ (12 އަހަރުން ދަށުގެ ކުއްޖަކާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގުން)، އަދި 2012 ގައި ޖިންސީ އަނިޔާތަކުން ކުޑަކުދިން ހިމާޔަތްކުރުމުގެ ގޮތުން އެކުލަވައިލެވުނު ޕްރޮޓެކްޝަން އޮފް ޗިލްޑްރަން ފްރޮމް ސެކްޝުއެލް އޮފެންސެސް (ޕީއޯސީއެސްއޯ) ގާނޫނުގެ ސެކްޝަން 4، 8، 12، 19 އަދި 21 ގެ ދަށުންނެވެ.
ޕާލް ހައްޔަރުކޮށްފައިވާއިރު އިންޑިއާގެ ގިނަ އަދަދެއްގެ ޓީވީ ތަރިން ދަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. އަދި މިއީ އޭނާ ފްރޭމުކުރުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ޕާލްގެ ދިފާއުގައި އެކްތާ ކަޕޫރުވެސް ވަނީ ވަރަށް ބޮޑަށް ވާހަކަދައްކައިފައެވެ.
އެކްތާ ބުނީ ކުޑަކުދީންނަށް އަނިޔާކުރާ މީހެއްގެ ދިފާއުގައި އޭނާ ވާހަކަ ނުދައްކާނެ ކަމަށާއި ނަމަވެސް އިންސާނުން މިހާ ދަށު ދަރަޖައަށް ވެއްޓެން ހެޔޮވާނީ ކިހިނެއްތޯ އެކްތާ ވަނީ ސުވާލުކޮށްފައެވެ. ބައެއްގެ އަމިއްލަ ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ތިން ވަނަ މީހަކު ވައްޓާލައި އޭނޭ ގުރުބާން ކޮށްލުން މިއީ ކިހިނެއް ހެޔޮވާނެ ކަމެއްތޯ އެކްތާ ސުވާލުކޮށްފައިވެ އެވެ. އަނިޔާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ އަންހެން ކުއްޖާގެ މަންމައާއި އެކްތާ ފޯނުން އެތައް ފަހަރަކު ގުޅައިގެން ވާހަކަދެއްކި ކަމަށާއި، ތަކުރާރުކޮށް މިކަމުގައި ޕާލް ނުހިމެނޭ ކަމުގައި ކުއްޖާގެ މަންމަ ބުނެފައިވާކަން އެކްތާ ފާހަގަކުރިއެވެ. އަދި މިއީ ކުއްޖާގެ މަންމައަކީ ވަޒީފާއަށް ސެޓުތަކަށް ގޮސް މަސައްކަތްކުރާ އަންހެނެއް ކަމުން ދަރިފުޅު ނުބެލޭކަމަށް ބުނެ އޭނާގެ ފިރިމީހާ (ދަރިފުޅުގެ ބައްޕަ) ކުއްޖާ އޭނާ ގާތުގައި ބެހެއްޓުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ކަމަށް ކުއްޖާގެ މަންމަ ބުނެފައިވާ ކަމަށްވެސް އެކްތާ ވަނީ ބުނެފަ އެވެ.
''މިއީ ހަގީގަތެއް ނަމަ، މިއީ އެތައް ގޮތަކުން ބޮޑު ގޯހެއް. ''މީ ޓޫ'' ފަދަ ހަރަކާތެއްގެ ނާޖާއިޒު ފައިދާ ނަގައި މައުސޫމު ކުޑަކުއްޖެއްގެ ވިސްނުމާ ނަފުސާނީ ގޮތުން ކުޅެ، ކުށެއް ނުކުރާ މީހެއްގެ ބޮލުގައި ދޮގު އިލުޒާމެއް އެޅުވުން މިއީ ކޮށްގެން ވާނެ ކަންތައްތަކެއް ނޫން.'' އެކްތާ އިތުރަށް ވަނީ ބުނެފައެވެ. އޭގެ އިތުރުންވެސް އެކްތާ ބުނީ އޭނާ ގާނޫނުތަކަށް ޖަދަލު ކުރަނީ ނޫން ކަމަށާއި ނަމަވެސް އޭނާ ވާހަކަދައްކަނީ އަނިޔާ ލިބުނު ކުއްޖާގެ މަންމަ ދެއްކި ވާހަކަތަކަށް ބުރަވެ ހުރެގެން ކަމަށެވެ. މީގެ އިތުރުން ވަޒީފާ އަދާކުރާ މައިންނަށް ދަރީންގެ ޒިންމާތައް އަދާ ނުކުރެވޭ ކަމަށް މީހުން ވިސްނާ ވިސްނުމަކީ ހިތާމަކުރާ ކަމެއް ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް އެކްތާގެ މިވާހަކަތަކަށް ރައްދު ދެއްވައި ޑީސީޕީ ސަންޖޭ ކުމާރު ޕަޓީލް ބުނެފައިވަނީ ޕާލް އާ ދެކޮޅަށް ކުރެވިފައިވަނީ ގޯސް ތުހުމަތުތަކެއް ނޫން ކަމަށެވެ. ޕްރެސް ކޮންފެރެންސެއްގައި ޑީސީޕީއަށް އެކްތާގެ މިވާހަކަތަކާ ގުޅުވައި ސުވާލު ކުރިމަތިކުރުމުން އޭނާ ބުނެފައިވަނީ ޕާލް ހައްޔަރުކުރެވިފައި ވަނީ އޭނާއާ ދެކޮޅަށް މިކަމުގައި ހެކި ލިބިފައިވާތީ ކަމަށާއި ހަގީގަތް ހާމަވަގެން ދާނީ ޝަރީއަތުގައި ކަމަށެވެ.
ތުހުމަތު ކުރެވޭ ހާދިސާ ހިނގާފައިވާކަމަށް ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރުގެ ތެރޭގައި ވަސައިގައި ކުރިއަށް ދިޔަ ޕާލްގެ ޝޫޓިންގެއްގެ ތެރޭގައި ކަމަށް ހަބަރުތައް ބުނެއެވެ.
ކުޑަކުދީންނަށް ކުރާ އަނިޔާ
ކުޑަކުދީންނަށް ކުރާ އަނިޔާ
ކުޑަކުދީންނަށް ކުރާ އަނިޔާ
ކުޑަކުދީންނަށް ކުރާ އަނިޔާ