ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 16 ހަފްތާ ފަހަނަ އަޅައި ދިއުމުންވެސް ޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިހާރުގެ ސްޓޭންޑަކީ މުއްދަތު ފަހަނަ އަޅައި ދިޔަ ކަމުގައި ވިޔަސް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައި މިވަނީ ވެކްސިން ޖެހުމަށް މި އޮންނަ އެންމެ ރަނގަޅު މުއްދަތު ފަހަނަ އަޅައި ދިޔަ ކަމުގައި ވިޔަސް ވެކްސިން ޖެހުން ކުރިއަށް ގެންދަން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އެގޮތަށް ނިންމާފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒުންވެސް ރައްކާތެރިކަން ލިބޭތީއާއި ދެވަނަ ޑޯޒް ޖެހުމުން އިތުރަށް ރައްކާތެރިކަން ލިބޭތީ ކަމަށެވެ. ނަމަވެސް ވެކްސިން ޖަހަން އެންމެ ރަނގަޅު މުއްދަތު ފަހަނަ އަޅައި ދިއުމުން ލިބޭ ރައްކާތެރިކަން ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނަ ޑޯޒް ނުޖެހި ވަނިކޮށް ކޮވިޝީލްޑްގެ ވެކްސިންތައް މިހާރު ވަނީ ހުސްވެފަ އެވެ. އިންޑިއާ އިން ކޮވިޝިލްޑްގެ ވެކްސިން ގަތުމަށް ކުރި މަސައްކަތް ވެސް ކާމިޔާބުވާގޮތެއް ވަނީ ނުވެފަ އެވެ. އެހެންކަމުން އެސްޓްރާޒެނެކާ ވެކްސިން ލިބުމުން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި އެ ވެކްސިން ދިނުމަށް އެޗްޕީއޭ އިން މިހާރު ވަނީ ނިންމާފަ އެވެ. ދެ ކުންފުންޏަކުން އުފެއްދިޔަސް ކޮވިޝިލްޑާއި އެސްޓްރާޒެނެކާ ވެކްސިނަކީ އެއްގޮތަކަށް އުފައްދާފައިވާ ވެކްސިނެކެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ދެ ލައްކައަށް ވުރެ ގިނަ މީހުން ޖަހާފައިވާ އިރު، ދެވަނަ ޑޯޒް ނުޖަހާ ލައްކައެއްހާ މީހުން އެބަތިއްބެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ރާއްޖެއިން ގަތުމަށް އޯޑަރުކޮށްފައިވާ އެސްޓްރާޒެނެކާ ވެކްސިންގެ ހަތް ލައްކަ ޑޯޒް މި މަހުގެ ފަހުކޮޅު ލިބޭނެ ކަމަށެވެ.

ކޮވިޝީލްޑްގެ އިތުރުން ރާއްޖޭގައި ދެމުން އަންނަނީ ފައިޒާ ވެކްސިނާއި ސިނޮފާމް ވެކްސިނެވެ. އޭގެ އިތުރުން މޯލްޑިވްސް ފުޑް އެންްޑް ޑްރަގް އޮތޯރިޓީން ވަނީ ރަޝިއާގެ ސްޕުޓްނިކް ވެކްސިނާއި ޖޯންސަންސް އަދި މޮޑާނާ ވެކްސްިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ވެސް ދީފަ އެވެ.