ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހަކު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅުން އޮތްކަން އެނގިއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް އެއް މަސް ދުވަސްވީ ފަހުން ވާޗުއަލްކޮށް މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން ފެއްޓުމުގެ ގޮތުން، ސުޕްރިންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ހަމަލާއަށް ފަހު ޓެރެރިޒަމްއާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން އޮތީ ހަތަރު މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް އެ ބައްދަލުވުން ނިންމާލަމުން ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ފަރާތުން ބައިވެރިވެޑައިގެންނެވި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވަނީ އެ މައްސަލައާ ގުޅުން ހުރި އިތުރު މީހަކު ވެސް ހައްޔަރުގައި ހުރި ކަމަށް ވިދާޅުވެފައެވެ.
"ހަރުކަށި ފިކުރާއި ޓެރެރިޒަމްގެ ހަރަކާތްތަކަށް ވާގިވެރިވާ ފަރާތްތައް ހޯދުމަށް މި ހިންގި ހާއްސަ އޮޕަރޭޝަންގައި އަޅުގަނޑުމެންނަށް ހައްޔަރު ކުރެވުނު ފަރާތްތަކުގެ ތެރޭގައި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ އެއް ފަރާތެއް ހިމެނި ތަހުގީގު ކުރަމުންދާ ވާހަކަ ދަންނަވާލަން،" ބަޝީރު ވިދާޅުވިއެވެ.
އެކަން އެނގުނީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ޓެރެރިޒަމްއަށް ވާގިވެރިވާ ފަރާތްތަކާ އެއްވެސް ގުޅުމެއް ވޭތޯ ބެލުމަށް ކުރި މަސައްކަތުގެ ތެރެއިން ކަމަށް ވެސް ބަޝީރު ވިދާޅުވިއެވެ.
"އެ އޮޕަރޭޝަން ތެރެއިން ހައްޔަރު ކުރެވުނު ފަރާތެއް އަޅުގަނޑުމެން ރައީސް ނަޝީދުގެ ބޮމުގެ ހަމަލާއާ ސީދާ ގުޅުންހުރި އެ ފަރާތް މި ވަގުތުވެސް ހުރީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި،" ބަޝީރު ވިދާޅުވިއެވެ.
އެހެންކަމުން އެ ހަމަލާގައި ޝާމިލުވާ ހުރިހާ ފަރާތްތައް އަދިވެސް ފުލުހުންނަށް ދެނެގަނެވިފައި ނުވާ ކަމަށް ވަނީ ބެލެވިފައެވެ.
ބޮން ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މަސައްކަތް ކުރި މައްސަލައިގައި ޝާމިލުވާ ހުރިހާ މީހުން އަދި ހައްޔަރު ކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ އިއުތިރާފުވެފައެވެ. ނަމަވެސް މިހާތަނަށް އެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ހުރިހާ ފަރާތްތަކެއް ވެސް އަތުލައިގަނެފައިވާ ކަމަށް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު