ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި ރާއްޖޭގައި ނިޔާވި އެންމެ ހަގު ކުއްޖާ ކަމަށްވާ އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.
އާންމު ފަރާތަކުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މިއަދު ފޮނުވި ސިޓީއެއްގެ ކޮޕީއެއް ވައިރަލްވެފައިވާ އިރު، އެ ސިޓީގައި އެފަރާތުން ވަނީ މިޝްކާގެ މަރުގެ މައްސަލަ ބެލުމަށް ފަހު މިމަހުގެ 4 ވަނަ ދުވަހު ހެލްތު މިނިސްޓްރީން އާންމުކުރި ރިވިއުގައި އިހުމާލުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަން ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް އިހުމާލުވި މުވައްޒަފުންނާ މެދު ޖިނާއީ ދައުވާއެއް ކޮށްދިނުމަށް އެެދިފައެވެ.
އެ ސިޓީގައި ބުނީ، އިންސިޑެންޓް ކޮމާންޑަރެއްގެ ހައިސިއްޔަތާއި މަގާމު އެކަށައަޅާފައިވާ މުހިންމު އަދި މާތް މަގުސަދަކީވެސް ރިސްކް ކެޓަގަރީތަކުގެ މީހުންނަށް ހިދުމަތް ދިނުމުގައި އަވަސްކަން ގެންނަން ޖެހޭ ފަދަ ހާލަތްތަައް ހުރިތޯ ދުރާލައި ދެނެގަތުމަށް ހާދިސާއެއް ހިނގުމުގެ ކުރިން ދެނެގަނެ އަމަލުކުރަން ޖެހޭ އެތެރޭގެ ޕްރޮސީޖަރުތައް އެކުލަވާލައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ކްލަސްޓާ/ސެކްޝަންތަކުގެ މެދުގައި މަސައްކަތްތައް ތަރުތީބުކޮށް، ބަހާލައި އިންސިޑެންޓެއް މެދުވެރިވެދާނެ ފަދަ މައުލޫމާތުތައް އިންސިޑެންޓް ކޮމާންޑަރަށްވެސް ލިބޭނެ ފަދަ ނިޒާމެއް އެ ސެންޓަރުގައި ގާއިމުކޮށް ދުވަހުން ދުވަހަށް ތަންފީޒު ކުރުން ކަމަށެވެ.
ނަމަވެސް ހެލްތު މިނިސްޓްރީގެ ރިވިއުގެ ތިންވަނަ ނުކުތާގައި ބުނާ ގޮތުގެ މަތީން އެ ސެންޓަރުގެ ހުރިހާ ސެކްޝަންތަކުން ބޭނުންކުރަމުން އަންނަ ސޮފްޓްވެއާ "އައުޓް ބްރޭކް ސިސްޓަމް" އަށް ކޮންޓެކްޓް ޓްރޭސިން ސެކްޝަނުން ފީޑުކޮށްފައި ނުވާ ކަން އެނގޭ ކަމަށެވެ.
އެ ސިޓީގައި އިތުރަށް ބުނީ، އެޗްއީއޯސީއާ ސީދާ ހަވާލުވެ ހުރި ބޭފުޅާއަށް ޖިނާއީ ދައުވާއެއްކޮށް އެ މައްސަލަ ބަލަމުން އަންނަކަން ދިވެހި ސިވިސް ސާވިސް ކޮމިޝަނަށް އެންގުމަށްވެސް އެދޭ ކަމަށެވެ.
ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑުގައި މަރުވި އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ ހާލު ދެރަވެ މަރުވި މައްސަލަ ތަހުގީގުކޮށް ހެލްތު މިިނިސްޓްރީން ނެރުނު ރިވިއުގައި ގިނަ އިހުމާލުތަކެއް ވަނީ ފާހަގަވެފައެވެ.
އެގޮތުން އިމަޖެންސީ ހާލަތެއް ކަމުގައި ބެލިފައި ނެތުމާއި އެފަދަ ހާލަތެއްގައި އަމަލު ކުރާ އުސޫލުން އަމަލުކޮށްފައި ނުވުމާއި އެމްބިއުލާންސް އައުމަށް ދެ ގަޑިއިރާއި 26 މިނެޓް ހޭދަވުމާއި މިޝްކާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާ ކަން ރިވިއުގައި ވަނީ ފާހަގަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު