ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއަށް މިއަދު މަހެއް ވެފައިވާ އިރު އެ މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާއު ވިދާޅުވީ، އެ މައްސަލައާ ސީދާ ގުޅުން ހުރި ހަތަރު މީހަކު ހައްޔަރުގައި އެބަތިބި ކަމަށެވެ.
"މިހާތަނަށް އެކި ގޮތް ގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ 150 އަށް ވުރެން ގިނަ ފަރާތްތައްވޭ. އަދި އާންމު ރައްޔިތުންނާއި ފުލުހުންގެ ތެރެއިން ލިބުނު މައުލޫމާތުގެ ތެރެއިން މިހާތަނަށް 25 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކޮށް އަދި 14 ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަން ފާހަގަކޮށްލަން،" ޝިފާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ މައްސަަލައާ ގުޅިގެން އެއްކުރި ސީސީޓީވީ އެނަލިސިސްތަކުން ތަހުގީގަށް ވަރަށް މުހިންމު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެއީ މައްސަލައިގައި އިންސާފަށް ވާސިލުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ހެކިތަކެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފުސީލުތައް މިވަގުތު ހާމަކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ތަހުގީގުގެ ފޯކަސް ހުރީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން ހަމަލާ ރާވައި ހިންގައި ހަރަކާތްތެރިވެ އެއްވެސް މިންވަރަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތައްވެސް ހޯދުމަށް ކަމަށެވެ. އަދި ހަމަލާގެ ފައިނޭންޝަލް އޭންގަލުން ކުރިއަށް ދިއުމަށް އެމެރިކާގެ އެކަމުގެ ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދަމުންދާކަން ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު