މަރުވެ ގިނަ ދުވަސްވެފައި ވަނިކޮށް މާލޭ ގެއެއްގެ ތެރެއިން މިދިޔަ ބުދަ ދުވަހު ފެނުނު މީހާއާ ބެހޭ ތަހުގީގީ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާ ހިއްސާ ކުރުމަށް އަންނަ އަންގާރަ ދުވަހާ ހަމައަށް ފުރުސަތު ދީފައިވާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ޖީހާން ވިދާޅުވީ، ބުދަ ދުވަހު މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހާއަކީ، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މެތޮޑޮން ޓްރީޓްމެންޓުގައި ހުރި މީހެއް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެފަދަ މީހުންނަކީ، ވަރަށް ގާތުން ފަރުވާ ދޭން ޖެހޭ ބައެއް ކަމަށާއި، އެހެންކަމުން އެމީހާ މަރުވުމުގައި ކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު ހޯދުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ އެކަންތައްތަކަށް ބަލައި އެ މީހާގެ މަރާ ބެހޭގޮތުން ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެމީހާއަށް ފަރުވާ ދިނުމުގައި އެންޑީއޭ އިން ކަންތައް ކޮށްފައިވާ ގޮތް ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ އެ ކަމާބެހޭ ތަހުގީގު ފުލުހުން ކުރިއަށްގެންދާ ކަމަށެވެ. އެކަމާބެހޭ މައުލޫމާތުތައް ކޮމިޓީއާ ހިއްސާ ކުރުމަށް އަންނަ އަންގާރަ ދުވަހާ ހަމައަށް އެންޑީއޭއަށާއި، ފުލުހުންނަށް ވެސް ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރުމަށް ދިން މުއްދަތަށްފަހު ފުލުހުންނާއި، އެންޑީއޭއާ ކޮމިޓީން ބައްދަލު ކުރާނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެރޭ 2:33 ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން، ފުލުހުން ގޮސް ބެލި ބެލުމުން، ގަލޮޅު ގެއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނިފައިވަނީ 27 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.