ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއަށް ލިބޭނެ ކަމަށާއި އާ މަޖިލީހުގެ ފުރަތަމަ މަސައްކަތަކަށް ވާނީ މި ސަރުކާރު ހަމަމަގަށް އެޅުވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ޖީހާން މަހުމޫދަށް ތާއީދު ހޯއްދަވަން ރޭ ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހާ މެދު އުންމީދު އެބައޮތް ކަމަށާއި އިރާދަކުރެއްވިއްޔާ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި މަޖިލިސް އިންތިހާބުގެ ބޮޑު އަޣުލަބިއްޔަތެއް މިފަހަރު އެމްޑީޕީން އަޅުގަނޑުމެން ހޯދާނަން. އަދި ސަރުކާރުން އެ ހަދަމުންދާ ދޮގުތަށް ހަމަޔަކަށް އަޅުވައި، އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކީ މަސައްކަތް ކުރަމުން ގެންދާނީ މި ސަރުކާރު ހަމަ މަގަށް އަޅުވަން. ދޮގު ނުހަދަން އަޅުގަނޑުމެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދަންނަވާނަން،" ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ ރައްޔިތުންނަށް އޮޅުވާ ނުލުމަށް މި ސަރުކާރުގައި ދަންނަވާނެ ކަމަށާއި އެކަން ހަމަ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށެވެ.

ސޯލިހް ވިދާޅުވީ ވޭތުވެދިޔަ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވުނު ކަމަށާއި ރާއްޖޭގެ ވެރިކަން ފަސް އަހަރު ދުވަހު ކުރެއްވިއްޖެ ކަމަށެވެ. ނަމަވެސް ގައުމު މިހާރު މިދާ މިސްރާބުގެ ސަބަބުން ލޯމަރާލައިގެން ހުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.

"ވެރިކަން ކުރެވުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަކަށް މިއަދު ނެތް އެކަން ލޯމަރާލައިގެން ބަލަހައްޓައިގެން ކެތްކުރެވޭކަށެއް. ގައުމު މިދާ މިސްރާބު ރަނގަޅެއް ނޫން. އަޅުގަނޑުމެން އެކީގައި އެތައް މަސައްކަތްތަކެއް ނުކޮށްފިނަމަ މި ގައުމު ގޮސް ވެއްޓޭނެ އަނދަވަޅު ވަރަށް ސާފުކޮށް މިއަދު އަޅުގަނޑުމެންނަށް އެބަ ފެނޭ. އޭރުވެސް ހެދީ ދޮގު މިއަދުވެސް ހަދަމުންދަނީ ދޮގު އޭރުވެސް ވަނީ ވައުދު މިއަދުވެސް ވަނީ އިތުރަށް ވައުދު. ކަމެއް އަނެއްހެން ކުރެވޭތަނެއް އަޅުގަނޑުމެންނަށް އަދިއެއް ނުފެނެ،" ސޯލިހް ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަތަކާއި ހެދި ދޮގުތަކާއި އޮޅުވާލުމާއި ނަފުރަތުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް މަންޒަރު އޮޅިގެންދިޔަ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ސަބަބުން އެމްޑީޕީއަށް އިންތިހާބުގައި ނާކާމިޔާބުވި ކަމަށް ސޯލިހް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއަދު މުޅި ރާއްޖޭގެ އެކި ރަށްރަށުންނާއި އެކި ކަންކޮޅުތަކުން އެކަމާ ދޭތެރޭގައި ފުންކޮށް ވިސްނަމުންދާ ކަމަށާއި އެ ނިންމުމާ ދޭތެރޭ ދެރަވެ ކަންބޮޑުވެ، ކުރެވުނީ ގޯސްކަމެއްކަން ރައްޔިތުންނަށް އިހުސާސްވާން ފަށައިފި ކަމަށް ސޯލިހް ވިދާޅުވިއެވެ.