ޑްރީމްގާލްގައި އަޔުޝްމަން ކުރާނާ އާއިއެކު ފެނިގެން ދިޔަ ރިންކޫ ސިންގު ކޮވިޑު ޖެހިގެން މަރުވެއްޖެއެވެ.
ރިންކޫ މަރުވެފައިވަނީ ކޮވިޑު ޖެހި ހާލު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަނިކޮށް ކަމުގައި އޭނާގެ އާއިލާއިން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.
ރިންކޫ ސިންގުގެ ކުއްލި ވަކިވުމާ ގުޅޭ ގޮތުން އޭނާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި ޗަންދާ ސިންގު ބުނެފައިވާ ގޮތުގައި ރިންކޫއަށް ކޮވިޑު ޖެހިފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މިދިޔަ މަހުގެ 7 ވަނަ ދުވަހު އޭނާ ވަނީ ކޮވެކްސިންގެ ފުރަތަމަ ޑޯޒުވެސް ޖަހާފައި ކަމަށް ޗަންދާ ބުނެއެވެ.
ރިންކޫއަށް ކޮވިޑު ޖެހުމުން އޭނާ ފުރަތަމަ ހުރީ ގޭގައި އެކަހެރިކޮށް ކަމަށާއި ނަމަވެސް ހާލަތު ގޯސް ވާން ފެށުމުން ހޮސްޕިޓަލުގައި އެނދުމަތިކުރީ ކަމަށް އާއިލާއިން ބުނެއެވެ. ރިންކޫ އަކީ ނޭވާ ހިއްލާ ކުއްޖެއްކަމުން އޭނާ އިޝްތިހާރެއް ކުޅެން ގޯއާ އަށް ދިއުމުގެ ހުއްދަވެސް އާއިލާއިން ދީފައި ނުވާ ކަމުގައި ޗަންދާ ވަނީ ބުނެފައެވެ. ނަމަވެސް އޭނާ ގޭގައި ހުއްޓާ މިވަނީ ބައްޔަށް ހުށަހެޅިފައެވެ.
ރިންކޫ ފެނިގެން ގޮސްފައިވާ ފިލްމު ތަކުގެ ތެރޭގައި އަޔުޝްމަން ހުރާނާގެ ''ޑްރީމް ގާލް'' އަދި ޖެކީ ޝްރޮފާއި އާދަރު ޖެއިން މުހިއްމު ރޯލުތަކުން ފެނިގެން ގޮސްފައިވާ ''ހެލޯ ޗާލީ'' ހިމެނެއެވެ.
މިފިލްމުތަކުގެ އިތުރުންވެސް ރިންކޫއަކީ ޓީވީގައި މަޝްހޫރު މޫނެކެވެ. ޑްރާމާ ސިލްސިލާތައް ކަމަށްވާ ''ޗިޅިޔާގަރް'' އަދި ''މެރީ ހާނިކަރަކް ބީވީ'' ގައި އޭނާ ވަނީ ފެނިގެން ގޮސްފައެވެ.
35 އަހަރުގައި ރިންކޫ ކޮވިޑު ޖެހިގެން މަރުވެފައިވާއިރު އޭނާގެ އާއިލާގެ ބައެއް މެންބަރުންވެސް ވަނީ މިބައްޔަށް ހުށަހެޅިފައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19