ކުޅުދުއްފުށި ސިޓީގައި މީހަކު ރަހީނުކޮށް، އޭނާއަށް އަނިޔާ ކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މީހަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން 19 އަހަރުގެ ފިރިހެނަކު ކޯޓު އަމުރުގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ތަފުސީލެއް ނުދެއެވެ.

މި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 24 އަހަރާއި 25 އަހަރުގެ ދިވެހި ފިރިހެނުންނެވެ. އެ ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. އަދި ރަހީނު ކުރި މީހާ އެރުވި ކާރު ކަމަށް ބުނާ ކާރެއްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ރަހީނު ކޮށް އަނިޔާ ކުރުމުގެ ސަބަބުން ކުޅުދުއްފުށީ، ރަތްފުސްގޭ، އަހުމަދު އިބްްރާހިމް ހާލު ސީރިއަސް ވެ ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ބޮލަށް ދަގަނޑުބުރިއަކުން ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އާއިލާއިން "ވަން" އަށް މައުލޫމާތު ދީފައިވެއެވެ.

އުމުރުން 29 އަހަރުގެ އަހުމަދަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. ނަމަވެސް ސިކުނޑި ދުޅަވެފައިވާތީ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އާއިލާއިން ކުރިން ބުނެފައިވެއެވެ. އޭނާގެ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށް އޭނާގެ ބައްޕަ އިބްރާހިމް ހުސައިންވެސް ވަނީ "ވަން" އަށް ބުނެފައެވެ.

އަހުމަދަށް އަނިޔާކޮށްފައި ވަނީ ކާރަކަށް އަރުވައިގެން ކުުދުއްފުށީ ފުއްޓަރާ ވީ ފަޅިޔަށް ގެންގޮސް ފަޅު ހިސާބުގަ އެވެ. އަދި އޭނާއަށް އަނިޔާކޮށް އެ ސަރަހައްދަށް އެއްލައިލުމުން ތެދުވެ އަމިއްލަޔަށް ހިނގާފައި ގޮސް އެހީއަށް އެދުނީ މީހުން ދިރިއުޅޭ ހިސާބަށް ގޮސް ގެއެއްގެ ދޮރުގައި ޓަކި ޖަހައިގެންނެވެ.