މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ޔޫރަޕްގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިމަނައިގެން ނެރޭ "ވަން ޔޫރޯ ގައިޑް 2020" މި މަހުގެ ނުވަ ވަނަ ދުވަހު ނެރެން ނިންމައިފި އެވެ.
"ވަން" ގެ މެނޭޖިން އެޑިޓަރު، އަލީ ރިފްޝާން ވިދާޅުވީ މި ޔޫރޯ ގައިޑަކީ މި ފަހަރުގެ ޔޫރޯއަށް އަމާޒުކޮށްގެން ރާއްޖޭގައި ނެރޭ އެންމެ މައުލޫމާތު މުއްސަނދި އަދި އެންމެ ހިތްގައިމު ފޮތަށް ވާނެ ކަމަށެވެ.
އެ ގޮތުން މުބާރާތުގައި ވާދަކުރާ 24 ޓީމުގެ ޓީމް ޕްރޮފައިލް އާއި ގުރޫޕުތައް ބެހިފައިވާ ގޮތާއި މެޗުތައް ކުޅޭ ސްޓޭޑިއަމް ތަކާއި މުބާރާތުގެ ކޯޗުންނާއި ރެފްރީންނާއި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރީންގެ މައުލޫމާތުތައް މި ގައިޑުގައި ހުންނާނެ ކަމަށް ރިފްޝާން ވިދާޅުވި އެވެ. މީގެ އިތުރުން ޔޫރޯއަށް ހާއްސަ ރިޕޯޓުތައް ވެސް މި ގައިޑުގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން މުބާރާތުގެ ތާރީހާއި މުބާރާތް ކުޅޭ ބޯޅަ އާއި މުބާރާތުގެ ތަށްޓާ ބެހޭ ހާއްސަ ރިޕޯޓުތައް ވެސް މި ގައިޑުގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ރިފްޝާން އިތުރަށް ވިދާޅުވީ 148 ސޮފުހާ ހިމެނޭ މި ގައިޑުގައި މި ފަހަރުގެ ޔޫރޯއަށް އަލަށް ތައާރަފު ވާ ބައެއް ކަންކަމުގެ މައްޗަށް ވެސް ތަފުސީލީ ގޮތެއްގައި ބަލައިލައި ރިޕޯޓުތައް ހިމަނާފައި ވާނެ ކަމަށެވެ. އެ ގޮތުން މެޗު ތެރޭގައި ފަސް ބަދަލު ގެނެވޭ ގޮތަށް ނިންމާފައިވާ ނިންމުމާއި ޔޫރޯގައި އަލަށް ވީއޭއާރް ބޭނުން ކުރަން ފެށުމުގެ މައްޗަށް ވެސް ރިޕޯޓުތައް ހިމަނާފައި ވާނެ ކަމަށެވެ.
ވަންގެ ސޭލްސް އެންޑް މާކެޓިންގެ އޮފިޝަލަކު ވިދާޅުވީ، ގައިޑް ގަތުމަށް ނަން ނޯޓު ކުރުމަށް ގުޅާނީ ނުވަތަ މެސެޖު ކުރާނީ 7943663 އަށް ކަމަށެވެ. ގައިޑެއް ވިއްކަން ހަމަޖައްސާފައި ވަނީ 100 ރުފިޔާއަށް ކަމަށާއި ގަންނަ ކޮންމެ ގައިޑަކާ އެކު އޭޓޫ ސައިޒަށް ޕްރިންޓު ކޮށްފައިވާ ބޮޑު މެޗުޝެޑިއުލެއް/ސްކޯޗާޓެއް ހިލޭ ލިބޭނެ ކަމަށެވެ. ސްކޯ ޗާޓު ވަކީން ގަންނާން ބޭނުންވާ ފަރާތްތަކަށް ވިއްކަން ހަމަޖައްސާފައިވާ އަގަކީ 25 ރުފިޔާ ކަމަށެވެ. މި ސްކޯ ޗާޓު ތައްޔާރު ކޮށްފައި ވާނީ، ރާއްޖޭގެ ގަޑީން މެޗުތައް ކުޅޭ ގަޑި އެނގޭނެ ގޮތަށް މެޗުތައް ނިމެމުން ދާ ވަރަކުން ސްކޯތައް ޖަހައި ފުރަމުން ގެންދެވޭ ގޮތަށެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު މުބާރާތެކެވެ. އެ ގޮތުން ޔޫރޯއާ ދިމާކޮށް މާލޭގައިވެސް މީހުން އެއްވެ ތިބެވޭ ގޮތަށް ހުންނަ ހުސް ތަންތަނުގައި ބޮޑެތި ސްކްރީންތައް ހަރުކޮށްގެން މެޗުތައް ބެލުން ކުރީން އޮވެ އެވެ. އޮލިމްޕަސް ސިނަމާގައި މެޗުތައް ބެލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ސޯޝިއަލް ސެންޓަރުގެ ބޭރުގައި ވެސް ބޮޑު ސްކްރީން ހަރުކޮށްފައި ހުރެ އެވެ. އެހެން ނަމަވެސް މި ފަހަރު ބޭރު ތެރޭގައި އެފަދަ ކަންކަން ކުރުމުގެ ފުރުސަތެއް ނެތެވެ.
ޔޫރޯއާ ދިމާކޮށް ނެރޭ ޔޫރޯ ގައިޑް ފޮތަކީ ދިވެހީންގެ މެދުގައި، ވަކީން ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ފޮތެކެވެ. މި ފޮތަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އާދެއެވެ.
ވަން ގެ މާކެޓިން އިން ބުނީ، މާލެ އަދި ހުޅުމާލެއިން ބުކިން ހައްދަވާ ފަރާތްތަކަށް ގައިޑް އިތުރު ފީއެއް ނެގުމަކާ ނުލައި ޑެލިވަރީ ކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި ވަންގެ އިދާރާއަށް ވަޑައިގެން ވެސް ގައިޑް ބައްލަވައިގެންނެވޭނެ ކަމަށެވެ.
ވަން މީޑިއާ ގުރޫޕް
ވަން މީޑިއާ ގުރޫޕް
ވަން މީޑިއާ ގުރޫޕް