އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ސަބަބުން އެ ސިޓީއަށާއި ރާއްޖެއަށްވެސް ލިބެން އޮތީ ފައިދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭ ގޮތުން ބޮޑެތި ހިޔާލު ތަފާތުވުން ތަކެއްް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށެވެ. އަދި އެއީ އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައިނުވާ ވިސްނުމެއް ކަމަށްވެސް ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ހުސްވި މެއި މަހު އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމައިފައެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީޑިއާއަށް ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެންޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދި ޑިސިޝަނެއް އެއަކު ނުނަގަން. އެނގިވަޑައިގަންނަވާނެ އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އެބަ އޮތް ވަރަށް ގާތް ގުޅުމެއް," ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ރާއްޖޭގެ ހައި ކޮމިޝަން ހުންނަ އިރު، އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި އެހެންވެ އިންޑިއާގެ ނިންމުމާ ދޭތެރޭ ވިސްނަންޖެހޭ ކަމަށެވެ.