ޓޮޓެންހަމް ހޮޓް ސްޕާސްއިން ކޯޗަކު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިޓަލީގެ އެންޓޯނިއޯ ކޮންޓޭއާ ދެމެދު ދެކެވެމުން ދިޔަ ވާހަކަތައް ހުއްޓާލައިފިއެވެ.

އުމުރުން 51 އަހަރުގެ ކޮންޓޭ ވަނީ މިދިޔަ ސީޒަންގައި އިންޓަ މިލާނާއެކު އިޓާލިއަން ސެރެއާ އޭ ކާމިޔާބު ކޮށްފައެވެ. އޭނާ އޭގެ ކުރިން ޗެލްސީއާއެކު ޕްރިމިއާ ލީގުވެސް ކާމިޔާބު ކޮށްފައިވާއިރު، ޓޮޓެންހަމްއިން ވަނީ ރަސްމީކޮށް ކޮންޓޭ ގެންދަން މަޝްވަރާ ކޮށްފައެވެ. މިދިޔަ ސީޒަންގެ ފަހު ކޮޅުގައި ސްޕާސްއިން ޖޯސޭ މޮރީނިއޯ ކްލަބުން ފޮނުވާލުމަށްފަހު އަންނަ ސީޒަނަށް ކޯޗެއް ހޯދުމަށް އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ހަބަރުތައް ބުނެފައިވާ ގޮތުން ކޮންޓޭއާ ސްޕާސްއާ ދެމެދު ވަނީ ގިނަ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ކޮންޓޭ އަވަސް ކާމިޔާބީއަކަށް ވިސްނައި، ހަރުދު ކުރަން ވިސްނި ނަމަވެސް ސްޕާސްއިން އެކަމަށް އެއްބަސް ވެފައެއް ނުވެއެވެ. ހަމަ އެއާއެކު ކޮންޓޭ ބޭނުންވީ ސްޕާސްއަށް އޭނާގެ އަމިއްލަ ހަތަރު ސްޓާފުންގެ ޓީމު އެއްކޮށް ގެންދަން ނަމަވެސް ސްޕާސްއިން އެކަމަށްވެސް އެއްބަސްވެފައި ނުވާ ކަމަށް ހަބަރުތައް ބުނެއެވެ. އޭގެ އިތުރުންވެސް ސްޕާސްއިން ދޭން ބޭނުން ވާ މުސާރަ ކޮންޓޭއަށް ކުޑަ ކަމަށްވެސް ބައެއް ނޫސްވެރިން ރިޕޯޓް ކޮށްފައިވެއެވެ.

ޓޮޓެންހަމް ޗެއާމަން ޑެނިއަލް ލެވީއަކީ ކުޅުންތެރިން އުފެއްދުމުގެ ވިސްނުމަށް ބަރޯސާވާ ޗެއާމަނެކެވެ. އެހެންނަމަވެސް ކޮންޓޭއަކީ އަބަދުވެސް ތަރިން ގަނެ، ވަގުތުން ވަގުތަށް ތަށްޓާ ދިމާއަން މިސްރާބު ޖަހާ ކޯޗެކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިވަގުތު ޓޮޓެންހަމްއަށްވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ފައިސާ ހަރަދުކޮށް ޓީމަށް ކާމިޔާބީއެއް ހޯދަން މަސައްކަތް ކުރުމެވެ. ސަބަބަކީ ޓީމުގެ ތިބި ކުޅުންތެރިންނަށް ތަށްޓެއް ނުލިބި މާޔުސްވުމެވެ.