ކޮންމެ ރައްޔިތަކުވެސް، ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަން ވާނީ، ގުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާ އެކު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބުގައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހުރިއްޔާ ވަނީ ދިވެހި ރާއްޖޭގެ އިގްތިސޯދު ބިނާވެފައިވަނީ ގުދުރަތީ މާހައުލަށް ކަމުގައި ފާހަގަކުރައްވައިފައެވެ. ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުންނާއި، މަސްވެރިކަމާއި، އަދި ދަނޑުވެރިކަމުގެ ސިނާއަތްތަކުގެ ނަފާ ލިބެމުންދާނީ، އަދި ކުރިމަގުގެ ޖީލުތަކަށް މި ސިނާއަތްތައް ފޯރުކޮށްދެވޭނީ، މާހައުލީ ނިޒާމު ރައްކާތެރިކޮށް ހިމާޔަތްކޮށްގެން ކަމަށް ވެސް އެމަނިކުފާނު ހިތޯބުގައި ފާހަގަ ކުރެއްވެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދުނިޔެ ހޫނު ވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ގައުމަކީ ރާއްޖެކަމުގައި ތަކުރާރުކޮށް ފާހަގަކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި، އެމަނިކުފާނު ވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިއާރު "މާހައުލީ ނިޒާމު އިއާދަކުރުން" މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން މާހައުލީ ނިޒާމު އިއާދަކުރުމަކީ، ގެއްލުން ލިބިފައިވާ ނުވަތަ ހަލާކުވެފައިވާ މާހައުލީ ނިޒާމު، އަލުން އޭގެ ތަބީއީ ހާލަތަށް އެނބުރި އިއާދަކުރުމުގައި އެހީތެރިވުން ކަމަށާއި ގެއްލުމެއް ނުލިބި ހުރި މާހައުލީ ނިޒާމުތަކަށް، އިތުރު ގެއްލުމެއް ލިބުނަ ނުދީ ހިމާޔަތް ކޮށް ރައްކާތެރިކުރުން ކަމުގައި އެމަނިކުފާނު ތަފްސީލު ކޮށްދެއްވެވިއެވެ.

މިއަދުގެ ހިތޯބުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ރާއްޖޭގެ މާހައުލީ ނިޒާމު ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި އެކަން ހާސިލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވައިލައްވައިފައެވެ.

އެގޮތުން ރާއްޖޭގެ މާހައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަހައްދުތަކުގެ އެންމެ ކުޑަވެގެން 20 އިންސައްތަ ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފާހަގަ ކުރެއްވެވިއެވެ. ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރި ވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމުގެ ބައިނަލްއަގްވާމީ މަސައްކަތުގައިވެސް ރާއްޖެއިން ބައިވެރި ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު، ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް، ރަށު ފެންވަރުގަޔާއި ސަރަހައްދީ ފެންވަރުގައި ގާއިމުކުރުމުގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި، ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި، އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ގާއިމުކުރެވިފައިވާ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް، "ނޫ އިގްތިސާދު"ގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމުގައިވެސް އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާ ޖަމާއަތްތަކަށާއި، ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރަމުން އަންނަ އެންމެހައި ފަރާތްތަކަށްވެސް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.