ހުޅުމާލޭގައި ގާއިމުކޮށްފައިވާ އެމްޕީއެލް ހިޔާގައި ތިބި ބިދޭސީންނަށް އަންނައުނު ފޯރުކޮށްދީ އެމީހުން ކޮވިޑަށް ޓެސްޓު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގައިފިއެވެ.

އެމްޕީއެލް ހިޔާއަކީ ކޮވިޑް 19އާ ގުޅިގެން މާލޭ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީ މަސައްކަތްތެރީންގެ ތެރެއިން ސައްހަ ލިޔެކިޔުމެއް ނެތް މަސައްކަތްތެރީން އަނބުރާ ގައުމަށް ފޮނުވާލެވެންދެން ބޭތިއްބުމަށް ހާއްސަކޮށްފައިވާ މަރުކަޒެކެވެ.

އެޗްއާރްސީއެމުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ އެ މަރުކަޒަށް ޒިޔާރަތްކޮށް ބިދޭސީންނަށް އަސާސީ ހައްގުތައް ފޯރުކޮށްދޭ މިންވަރު ބަލައިފައެވެ.

މި ޒިޔާރަތުގައި ފާހަގަކުރެވުނު ބައެއް ކަންތައްތަކަށް ބަލައި އެ ކޮމިޝަނުން ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް ވަނީ ބައެއް ހުށަހެޅުންތައް ހުށަހަޅައިފައެވެ. އެގޮތުން އެމްޕީއެލް ހިޔާގައި ތިބި ބިދޭސީ މަސައްކަތްތެރީން ކޮވިޑަށް ޓެސްޓުކޮށް، ނަތީޖާ ލިބުމާ ހަމައަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ބޭތިއްބުމާއެކު އަލަށް މަރުކަޒަށް ގެންދާ ފަރާތްތައް ވަކިވާނެހެން ބޭތިއްބޭނެ ނިޒާމެއް ވަގުތުން ކަނޑައެޅުން ހިމެނެއެވެ. އަދި އެތަނަށް ގެންދެވޭ ބިދޭސީ މަސައްކަތްތެރީން ލަސްވެގެން 24 ގަޑިއިރު ތެރޭގައި ޑޮކްޓަރަށް ދައްކައި ސިއްހީގޮތުން ދޭން ޖެހޭ ފަރުވާއެއް ހުރިކަން ނުވަތަ ނޫންކަން ކަށަވަރުކުރުމާއި ދާއިމީ ބައްޔަކަށް ބޭސްކާން ޖެހޭ ފަރާތެއް ނަމަ، ބޭސް މެދުނުކެނޑޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން މަރުކަޒުގައި ތިބި ބިދޭސީ މަސައްކަތްތެރީންނަށް އެ ފަރާތްތައް މަރުކަޒަށް ގެންދެވުނު ސަބަބާއި އަދި އެތަނުގައި ބައިތިއްބާނެ މުއްދަތު އެންގުމާއެކު އެތަނުގައި ތިބި ބިދޭސީ މަސައްކަތްތެރީންގެ އަންނައުނު ލިބޭނެ އިންތިޒާމް ހަމަޖެހެންދެން، އެ ފަރާތްތަކަށް ބޭނުންވާ އަންނައުނު މިހާރުން މިހާރަށް ފޯރުކޮށްދިނުން ހިމެނެއެވެ. އެމްޕީއެލް ހިޔާއަށް ގެންދިއުމުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރީންގެ އަތުން އަތުލާފައިވާ ތަކެތި އެފަރާތްތަކަށް ހަވާލުކުރާނެ މުއްދަތެއް ކަނޑައަޅައި އެކަން އެފަރާތްތަކަށް އަންގައި ހަވާލުކުރަންވެސް ހުށަހަޅާފައިވެއެވެ.