ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި، ދައުލަތުން ދައުވާކުރި ބަންގްލާދޭޝް ރައްޔިތެއް ކަމަށްވާ މާސުމް ބިއްލާހް ގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ، 10 ފެބްރުއަރީ 2018 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓަކުން ބަންގްލާދޭޝް ރައްޔިތެއް ކަމަށްވާ މާސުމް ބިއްލާހް ރާއްޖެ އައިތަނުން ކަސްޓަމް އޮފިސަރުން އޭނާގެ ބެކްޕެކް ބަލައި ފާސްކުރިއިރު ޕެޕްސޮޑެންޓް ފުޅިތަކަކަށް ލައިގެން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެޓަމްފެޓަމިން ރެސިމޭޓް އެތެރެ ކޮށްފައިވާ ކަމަށް ތަހުލީލު ރިޕޯޓުން ދައްކާތީ، އޭނާގެ މައްޗަށް ކުރި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރިމުގެ ކުށުގެ ދައުވާއެކެވެ.

މި މައްސަލައިގައި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންނާއެކު އަށަކަށްވުރެ ގިނަ ހެއްކާއި ގަރީނާ ދައުލަތުން ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ދިފާއުގައި މާސުމް ބިއްލާހް ގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

މި މައްސަލަ ބެލުމަށްފަހު، ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، އެ ދައުވާއަށް މާސުމް ބިއްލާހް އިންކާރު ކުރުމާ ގުޅިގެން ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކި، ގަރީނާއިން ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެން ވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތު ކުރުމަށް ބޭނުން ވާ މިންވަރަށް ޝަރީއަތަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށެވެ

އެހެންކަމުން މާސުމް ބިއްލާހް ގެ މައްޗަށް ދައުލަތުން ކުޅަ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާކަމަށް ކަނޑައަޅައި ހުކުމް ކުރާކަމަށް އެ ހުކުމުގައި ވެއެވެ.