ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމެޓީން ހިންގަމުން އަންނަ އިންކުއަރީއަށް ވަކިވަކި ފުލުހުން ހާޒިރުވާނެ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ، ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދަމުން އަންނަ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ރައްޔިތުންގެ މަޖުލީހަށް ޖަވާބުދާރީވުމުގައި ފުލުހުން އަމަލުކުރާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.

"ރައްޔިތުންގެ މަޖުލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީން ހިންގަމުންދާ އިންކުއަރީއަށް ކޮމިޝަނާ އޮފް ޕޮލިސްގެ އިތުރުން ބައެއް އިތުރު ފުލުހުން ހާޒިރުވުމަށް ވަނީ ނޯޓިސް ލިބިފައި. އެ ދުވަސްތަކުގައި އެ ފުލުހުން ހާޒިރުވެ ޖަވާބުދާރީވާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވަނީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން އަންނަ މަސައްކަތާ ގުޅޭގޮތުން ވަޒީރާއި ފުލުހުންނާ ސުވާލުކުރެވިދާނެ ކަމަށެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިން އިރު، އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ބްރީޗުވި ގޮތުގެ ޕާލިމަންޓަރީ އެންކުއަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހައި ގާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާ ގޮތާ މެދުގައްޔާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާ މެދު ޖަވާބުދާރީވާން ޖެހެނީ މިނިސްޓަރަށް ކަމަށާއި އެހެންވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ސިފައިންގެ އެންމެ މަތީ ވެރިޔާއާއި މިނިސްޓަރު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.