ރާއްޖޭގެ ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ)ގެ ކޮވިޑް 19 އިން ރަނގަޅުވެ، މާދަމާ ޓީމާ ގުޅެން ތައްޔާރުވެއްޖެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، އޭރު އޭނާ ހުރީ ޓީމާއެކު ޑުބާއީގެ ކޭމްޕްގައެވެ. ޕްރޮޓޮކޯލްގެ ދަށުން އޭރު ދަގަނޑޭ ވަގުތުން އެކަހެރިވިއެވެ. އޭނާ އެންމެ ފަހުން މިއަދު ހެދި ޕީސީއާރު ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.
"ވަން" އަށް މައުލޫމާތުދެމުން ދަގަނޑޭ ބުނީ މިއަދުގެ ޕީސީއާރު ޓެސްޓު ނެގެޓިވްވެ، އިރާދަކުރެއްވިއްޔާ މާދަމާ ޓީމާ ގުޅޭނެ ކަމަށެވެ.
އުމުރުން 35 އަހަރުގެ ދަގަނޑޭ ޑުބާއީއަށް ދިއުމުގެ ކުރިން ވަނީ ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމާއެކު ހޮޓެލް ޖެންގައި ކޭމްޕު ކުރުމަށްފަހު، އަންހެނުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެގެން ކޭމްޕުގައި އައިސޮލޭޝަނަށް ގޮސްފައެވެ. ނަމަވެސް އެފަހަރު ކޮވިޑުގެ ނަތީޖާ ނެގެޓިވް ވުމުން އަލުން ޓީމާ ގުޅުނެވެ.
އޭޝިއަން ކަޕުގެ އިތުރުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބާކީ އޮތް މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އޭއެފްސީން ނިންމާފައިވާ އިރު، އެ މެޗުތައް މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ ޑުބާއީގައެވެ.
ފުރަތަމަ މެޗުތައް ކުޅުމަށް އޮތީ ޗައިނާގައި ނަމަވެސް މެޗުތައް ޑުބާއީއަށް ބަދަލުކުރީ ރާއްޖޭގެ ޓީމާއި ސީރިއާ ޓީމަށް ޗައިނާއަށް އެތެރެ ނުވެވުމުގެ ސަބަބުންނެވެ.
ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖެއިން ސީރިއާއާ ދެކޮޅަށް ނުކުންނާނީ 9:00 ގައެވެ.
ވޯލްޑް ކަޕް ކޮލިފައިން "ގްރޫޕް އޭ"ގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.
އަލީ އަޝްފާގު
އަލީ އަޝްފާގު