އިނގިރޭސިވިލާތުގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދީންނަށް ފައިޒާ ވެކްސިން ދިނުން ހުއްދަކޮށްފިއެވެ.
މި އުމުރުފުރައިގެ ކުދީންނަށް ބައޯއެންޓެކް ފައިޒާ ވެކްސިން ހުއްދަކޮށްފައި ވަނީ އޭގެން ލިބިދޭ ރައްކާތެރިކަން ކަށަވަރުކުރެވޭތީ ކަމަށް އިނގިރޭސި ވިލާތުގެ ވެކްސިން ރެގިއުލޭޓު ކުރާ މެޑިސިން އެންޑް ހެލްތު ކެއާ ޕްރޮޑަކްޓް ރެގިއުލޭޓާ އޭޖެންސީ (އެމްއެޗްއާރްއޭ) އިން ވަނީ ބުނެފައެވެ.
ނަމަވެސް، އިނގިރޭސިވިލާތުގެ ވެކްސިނާ ބެހޭ ޖޮއިންޓު ކޮމެޓީ އޮން ވެކްސިނޭޝަން އެންޑް އިމިއުނައިޒޭޝަން (ޖޭސީވީއައި) ކޮމިޓީން މި އުމުރުފުރައިގެ ކުދިންނަށް ވެކްސިން ދިނުމަށް ނިންމާފައެއް ނުވެއެވެ. އެ ކޮމިޓީން މި އުމުރުފުރައިގެ ކުދިންނަށް ވެކްސިން ދިނުމާމެދު އެގައުމުގެ ސަރުކާރަށް ލަފާ އަރުވަން ޖެހެއެވެ.
އިނގިރޭސިވިލާތުގައި މީގެކުރިން ފައިޒާ ވެކްސިން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދީންނަށް ވެސް ވަނީ ހުއްދަކޮށްފެއެވެ.
މިހާތަނަށް އިނގިރޭސިވިލާތުގައި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައި ނުވި ނަމަވެސް ރިސްކު ބޮޑު ބަލި މީހުން ހިމެނޭ ގޭބިސީތަކުގައި ދިރިއުޅޭ 16 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމަށް ވަނީ ލަފާ އަރުވާފައެވެ.
ޔޫރަޕިއަން ޔޫނިއަނުން 12-15 އަހަރުގެ ކުދިންނަށް ފައިޒާ ބަޔޯއެންޓެކް ވެކްސިން ދިނުމަށް ވަރަށްފަހުން ހުއްދަދީފައި ވާތީ ޖަރުމަނުން ވަނީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެގައުމުގެ 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުން ކުރިއަށް ގެންދާނެކަން އިއުލާނު ކޮށްފައެވެ.
މީގެ އިތުރުން މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އެމެރިކާ އަދި ކެނެޑާގެ 12-15 އަހަރުގެ ކުދިންނަށް އަންނަނީ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.