ސަފައިންގެ ތެރެއިން ވަކި މީހަކު ކަންކުރި ގޮތް ފޮރުވުމަށް އަސްކަރިއްޔާގެ ވެރިން އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ، މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިނުމަށް ފުރުސަތު ލިބުނު ގޮތުގެ ޕާލިމަންޓަރީ އެންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުނުމުންނެވެ.
އެމްއެންޑީއެފުން އިއްޔެ ނެރުނު ތިން ސޮފުހާގެ ބަޔާން ރި ޓުވީޓު ކުރައްވައި ރައީސް ނަޝިދު ވަނީ އަސްކަރިއްޔާގެ އެ ނިންމުމާ ދެކޮޅުކަން ހާމަކުރައްވައިފައެވެ.
އެގޮތުން، އާންމު ސިފައިންގެ މީހާ ކަންކުރި ފުރިހަމަ ގޮތް ގެއްލުވައިލުމަށް މަތީ ލެވަލްގެ އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު މަރާލުމަށް ބޮން ގޮއްވާލި ވަގުތު ކައިރީގައި ތިބި މޮޅު ކުދިންގެ ބަސް ނުބުނުވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް،" ހަމަލާ ދިން ވަގުތު އަރިހުގައި ތިބި ބޮޑީގާޑުންނަށް ތައުރީފުކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ސިފައިންގެ ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާ ގޮތާ މެދު އަދި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާ މެދު ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ސިފައިންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ކަމަށް އެމްއެންޑީއެފުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުން ދަނީ ސަލާމަތީ ހިދުމަތްތަކަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށެވެ. އެގޮތުން ނަޝީދަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތެއް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މާރިޔާއާ ހިއްސާކުރެއްވިކަން ހާމަވުމާއި ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އިރު، އެތަނުގެ ފާހާނާއެއްގައި ފިސްތޯލައެއް ފެނުނު މައްސަލަވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު