މިއަހަރު ޖަޕާނުގެ ޓޯކިއޯގައި ބާއްވާ އޮލިމްޕިކް ގޭމްސްގެ ބެޑްމިންޓެން އިވެންޓުން ޖާގަ ލިބި، ފާތުމަތު ނަބާހާއަކީ އޮލިމްސްގައި ރާއްޖެ ތަމްސީލު ކުރާނެ ފުރަތަމަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާއަށް ވެއްޖެއެވެ.

ނަބާހާއަށް އޮލިމްޕިކްސް އިން ފުރުސަތު ލިބިފައި ވަނީ ޓްރައިޕާޓީ ޖާގައިންނެވެ. އޮލިމްޕިކް ގޭމްސްގެ ހަމަހަމަ ފުރުސަތުތައް ދީ، ގޭމްސްގެ ޑައިވާސިފިކޭޝަން އިތުރު ކުރުމުގެ ގޮތުން އިއުލާން ކޮށްފައިވާ ޓްރައިޕާޓީ ފުރުސަތުތަކުގައި ޖާގަ ދޭނީ ގައުމީ އޮލިމްޕިކް ކޮމިޓީ އާއި ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީގެ އިތުރުން އިންޓަނޭޝަނަލް ސްޕޯޓިން ފެޑަރޭޝަނުން ނިންމާ ނަމަކަށެވެ.

އެ ފުރުސަތު ދިނުމުގައި އެތުލީޓުގެ ނަތީޖާއަށް ބެލުމުގެ އިތުރުން އެކިއެކި މުބާރާތްތަކުގައި ދައްކާފައިވާ ކުޅިވަރުގެ ރޫހާއި ނިސްބަތްވާ ގައުމަށްވެސް ބަލައެވެ. ޓްރައިޕާޓީ ފުރުސަތަށް އެދުމަށް އޮލިމްޕިކް ކޮމިޓީތަކަށް މިއަހަރުގެ ކުރީކޮޅުގައި ވަނީ ހުޅުވާލައިފައެވެ.

ނަބާހާއަށް ލިބުނު ފުރުސަތާ ގުޅިގެން އޮލިމްޕިކް ކޮމިޓީގެ ރައީސް އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވެފައި ވަނީ ގައުމުގެ ހީރޯ ނަބާހާއަށް ޓްރައިޕާޓީ ޖާގަ ލިބުމަކީ ފަހުރުވެރިވާ ކަމެއް ކަމަށާއި އެއީ ހައްގު ފުރުސަތެއް ކަމަށެވެ.

މީގެ ކުރިން އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓެއްގައި ރާއްޖެ ތަމްސީލު ކުރީ ބެޑްމިންޓަން ޗެމްޕިއަން މުހައްމަދު އަޖުފާނެވެ. އޭނާ ވަނީ 2012 ވަނަ އަހަރު ލަންޑަނުގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކޮށްފައެވެ.

ނަބާހާއަކީ މިހާތަނަށް ބެޑްމިންޓަނުގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދީފައިވާ އެތުލެޓީކެވެ. 2019 ވަނަ އަހަރުވެސް ޕާކިސްތާން ބެޑްމިންޓަން ފެޑެރޭޝަނުން އިންތިޒާމު ކޮށްގެން ބޭއްވި "ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީޒް 2019" ގެ މިކްސްޑް ޑަބަލްސް އިވެންޓުން ޗެމްޕިއަންކަމާއި އަންހެން ޑަބަލްސް ޗެމްޕިއަންކަން ނަބާހާ ހޯދާފައިވެއެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރު އައިއޯއައިޖީ އަންހެން ޑަބަލްސް އިވެންޓުން ނަބީހާ އާއި ނަބާހާ ވަނީ ރިހި މެޑަލްވެސް ރާއްޖެއަށް ހޯދައިދީފައެވެ.