ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމަށް ސިޓީ ބައިކް ޕްރޮޖެކްޓެއް ތައާރަފްކޮށް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓް ދަށުން ހުޅުމާލޭގައި ކުޑަ ކުއްޔެއްގައި އާންމުންނަށް 300 ބައިސްކަލު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މި ބައިސްކަލުތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދުއްވުމަށް ބޭނުން ކުރެވޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން ހުޅުމާލޭގައި ހާއްސަކުރެވޭ އެކި ސަރަހައްދުތަކުގައި ޑޮކިން ސްޓޭޝަން ގާއިމުކޮށް ބައިސްކަލު ޕާކުކުރުމަށް އެކަށޭނަ ޖާގަ ހެދުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބައިސްކަލު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސިސްޓަމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން ހިދުމަތް ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ ނިޒާމު އެކުލެވޭ ސިސްޓަމެއް ކަމަށްވެސް އެ ބޭންކުން ބުންޏެވެ.
އެޗްޑީސީއާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓަށް ހަރަދު ކުރަނީ ބީއެމްއެލް އިންނެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް މުޅިން އަލަށް ތައާރަފު ކުރެވޭ މިފަދަ ޕްރޮގްރާމެއް ހިންގުމަށް އެ ބޭންކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޓިމް ވިދާޅުވީ މި ބައިސްކަލްތަކަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް އެހީތެރިވެދޭ ވަސީލަތެއް ކަމަށާއި މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު އާންމު ކުރަނީ މިއަހަރުގެ 'ވޯލްޑް ބައިސިކަލް ޑޭ' އާ ގުޅުވައިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު