ކުރިއަށް އޮތް ޔޫރޯއަށް އެންމެ ފަހުވަގުތު ސްކޮޑު އިއުލާންކުރި ޓީމަކީ އިޓަލީއެވެ. އެގައުމުން މިކަން ފަސްކުރީ ސަބަބަކާ ލައިގެންކަން ވެސް ދައްކާލައިފިއެވެ. އިޓަލީން ދެ ގަޑިއިރުގެ ބޮޑު ޓީވީ ޝޯއެއް އެކަމަށް ހާއްސަކޮށް ކޯޗު ރޮބާޓޯ މަންޗީނީ 26 ކުޅުންތެރިންގެ ނަން ވަކިވަކީން އިއުލާން ކޮށްފައި ވަނީ އެކިއެކި ހަރާކްތަކާއެކުގައެވެ.

ކުޅުންތެރިން ބިސްގަނޑު އަޅާ ތަވާ ފަދަ ތަކެއްޗާއެކު ރެޕް ކުރުމުގެ ބެޓަލްއެއްވެސް ކުރިއަށް ގެންގޮސްފައިވާއިރު، މުޅި ސްކޮޑު އެކީ އިޓަލީގެ އަސަރު ގަދަ ގައުމީ ސަލާމް ކިޔާލީ ޖޯޝާއެކުގައެވެ. ކޯޗު މަންޗިނީވެސް ވަނީ ކުޅުންތެރިންނާއެކު ބިސްގަނޑު ތަވާއިން ޕެޑަލް ކުޅެ މަޖާ ނަގައިފައެވެ. އިޓަލީގެ އެސިސްޓެންޓް ކޯޗު ޑެނިއޭލް ޑި ރޮސީވެސް ވަނީ ތަވަލުން ޕެޑަލް ކުޅެފައެވެ. ޕެޑަލްއަކީ އިޓަލީގައި ހުސްވަގުތަށް ހާއްސަ ކުޅިވަރެއްވެސް މެއެވެ.

އާންމުކޮށް ޓީމުތަކުން ސްކޮޑު އިއުލާން ކުރަނީ ހަމައެކަނި ޕްރެސް ރިލީސްއަކުން ނަމަވެސް އިޓަލީން މި ދެއްކީ ތަފާތެކެވެ. މުބާރާތުގެ ކުރިން މަޖާ ނަގައި ސްކޮޑު އިއުލާން ކުރީ އެގައުމުގައި އޮންނަ ފުޓުބޯޅަ ފޯރި ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން ދަށްވެފައި އޮތުމުން ކަމަށް ވެދާނެއެވެ. މީޑިއާގެ ސަމާލުކަމާއެކު އިޓަލީގެ ސަޕޯޓަރުންގެ ޖޯޝު އާވެގެން ދާނެކަންވެސް ޔަގީނެވެ.

އިޓަލީން މިފަހަރު ޔޫރޯއަށް ދާނެ ޓީމަކީ އެވްރެޖް ކޮށް އުމުރު ހަގު ޓީމެކެވެ. އެހެންނަމަވެސް ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ޑިފެންޑަރި ޖޯޖިއޯ ކިއެލީނީއެވެ. އިޓަލީ މިފަހަރުގެ މުބާރާތަށް ނުކުންނާނީ 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ކޮލިފައި ނުވުމުގެ މާޔޫސްކަން ފިލުވައިލުމަށެވެ. އެންމެފަހުން 2016 ވަނަ އަހަރުގެ ޔޫރޯގައި އިޓަލީ ދިޔައީ ކުއާޓާ ފައިނަލަކަށެވެ. އެފަހަރު ކުއާޓާ ފައިނަލުން ކެޓީ ޖަރުމަނު އަތުން ޕެނެލްޓީ ޖަހައިގެންނެވެ.

ގޯލްކީޕަރުން: ޖިއާންލުއީޖީ ޑޮނަރޫމާ (އެސީ މިލާން)، އެލެކްސް މެރެޓް (ނަޕޯލީ)، ސަލްވަޓޯރޭ ސިރިގޫ (ޓޮރީނޯ)

ޑިފެންޑަރުން: ފްރެންޗެސްކޯ އަސާބީ (ލާޒިއޯ)، އެލެކްސެންޑްރޯ ބަސްޓޯނީ (އިންޓަ މިލާން)، ލިއެނާޑޯ ބޮނޫޗީ (ޔުވެންޓަސް)، ޖޯޖިއޯ ޗިއެލީނީ (ޔުވެންޓަސް)، ޖިއޯވާނީ ޑި ލޮރެންޒޯ (ނަޕޯލީ )، އެމަސަން ޕަލްމޭރީ (ޗެލްސީ)، އެލްސެންޑްރޯ ފްލޮރެންޒީ (ޕީއެސްޖީ)، ލިއޮނާޑޯ ސްޕިނަޒޯލާ (ރޯމާ)، ރަފޭލް ޓޮލޯއީ (އެޓްލާންޓާ)

މިޑްފީލްޑަރުން: ނިކޮލާ ބަރޭލާ (އިންޓަ މިލާން)، ބްރައިން ކްރިސްޓާންޓޭ (ރޯމާ)، ޖޯޖީނިއޯ (ޗެލްސީ)، މެނުއަލް ލޮކަޓެލީ (ސަސުއޯލާ)، ލޮރެންޒޯ ޕެލެގްރީނީ (ރޯމާ)، ސްޓެފަނޯ ސެންސީ (އިންޓަ މިލާން)، މާކޯ ވެރާޓީ (ޕީއެސްޖީ)

ފޯވަޑުން: އަންދްރޭއާ ބެލޮޓީ (ޓޮރީނޯ)، ޑޮމެނިކޯ ބެރާދީ (ސަސުއޯލޯ)، ފެޑެރީކޯ ބެނާޑެސްކީ ( ޔުވެންޓަސް)، ފެޑަރީކޯ ޗިއޭސާ (ޔުވެންޓަސް)، ސީރޯ އިމޯބިލޭ (ލާޒިއޯ)، ލޮރެންޒޯ އިންސީނިއާ (ނަޕޯލީ)، ޖިއާކޮމޯ ރަސްޕަޑޯރީ (ސަސުއޯލޯ)