އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގައި ފިޔަވަޅު އެޅުން އަދި ލަސްނުވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިޝްކާ މަރުވީ ފަރުވާ ދިނުމުގައި ލަސްތަކެއް ވުމުން ކަމަށް އޭނާގެ އާއިލާއިން ތުހުމަތު ކުރެއެވެ. އެގޮތުން އެމްބިއުލާންސް އައުމަށް ދެ ގަޑިއިރާއި 20 މިނެޓް ހޭދަވެފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޝްކާގެ މަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމްވެސް ވަނީ އެމްބިއުލާންސް ލަސްވުމުގައި ހެލްތު މިނިސްޓްރީގެ އިހުމާލެއް އޮތް ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

"އަޅުގަނޑު ގަބޫލުކުރަން ހެލްތު މިނިސްޓްރީގެ އިހުމާލެއް އުޅޭކަން އެމްބިއުލާންސް ލަސްވުމުގައި. އެ ވާހަކަތައް އަޅުގަނޑު ދަންނަވާފައި ވާނީ. އަޅުގަނޑު އެ އާއިލާއަށް ވެސް ގުޅިން. މުހައްމަދާ ވެސް ވާހަކަދެއްކިން. އެކަންތައް ދިމާވި ގޮތް އަޅުގަނޑު މުހައްމަދަށް ވެސް ދެންނެވިން. މިޝްކާ އަވާހަރަވުމުގެ ކުރިން އަޅުގަނޑު ގުޅީ. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ ވެސް އެ އާއިލާއަށް ގުޅުއްވި،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މިރޭގެ ވަގުތެއްގައި އެ މައްސަލައިގެ ތަހުގީގު ރިޕޯޓް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަން އަޅުގަނޑަށް އެނގުނީއްސުރެ ފިޔަވަޅު އަޅަމުން މިގެންދަނީ. އަޅުގަނޑަކަށް ހިއެއް ނުވޭ އަދި މާ ލަސްވިހެނެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލަ ތަހުގީގުކޮށް ނިމުމުން އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެކަމުގައި އޭނާގެ އިހުމާލެއް އޮތް ނަމަ އިސްތިއުފާ ދިނުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.