ދިހަ އަހަރުގެ ކުއްޖާގެ މަރުގެ ތަހުގީގު މިރޭ ނިމޭނެ ކަމަށާއި ތަހުގީގު ނިމުމުން އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީި ދިހަ އަހަރުގެ މިޝްކާ މުހައްމަދު މަރުވުމުގައި އިހުމާލު އެބައޮތް ކަމަށާއި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި ދިހަ އަހަރުގެ މިޝްކާ ނިޔާވުމުގައި ދިމާވި ކަންތައްތަކުގެ ތެރޭގައި ލަސްވުން ހިމެނޭ. މީގައި އިހުމާލު އެބައޮތް. އެކަމަށް އެޓެންޑުވި ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ މިރޭގެ ނިޔަލަށް ތަހުގީގު ނިމޭނެ. ތަހުގީގު ނިންމާފައި އަޅުގަނޑު ފިޔަވަޅު އަޅާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ، މިޝްކާގެ ތަހުގީގު ރިޕޯޓް ނިމުމުން މެޑިކަލް ކަންތައްތައް ފިޔަވައި އެހެން ހުރިހާ ކަމެއް ހާމަކޮށްދޭނެ ކަމަށެވެ.
މިޝްކާގެ މަރުގެ މައްސަލައިގައި މިނިސްޓަރު ވަނީ އޭނާގެ އިހުމާލެއް އޮތްތޯވެސް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑް ޖެހިގެން ރޭ މަރުވި މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލާންސަށް ގުޅުމުން އެމްބިއުލާންސް އައުމަށް ދެ ގަޑި އިރާއި 20 މިނެޓްވި ކަމަށް މިޝްކާގެ އާއިލާއިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު