ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިން ސަން، މިސްބާހު މުހައްމަދު ހުރީ ބޭރުގެ ޑްރަގް ނެޓްވޯކެއްގައި ރަހުނެއްގެ ގޮތުގައި ބަހައްޓާފައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ 10:13 ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހު ފުރާފައިވާ ކަމަށާއި އެކަން އިމިގްރޭޝަންގެ ރެކޯޑުތަކުން ދައްކާ ކަމަށެވެ. އަދި އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކުތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށްވެސް ފުލުހުން ބުންޏެވެ.

އިރުފާން ތަގިއްޔު ވަނީ ޑިސެމްބަރު އަށްވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ. އޭނާއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.

ފުލުހުން ބުނީ އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށެވެ.

ފުލުހުން ބުނީ އިރުފާން ތަގިއްޔު މިދިޔަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައިވާ ކަމަށާއި ނަމަވެސް އިރުފާނާއެކު މިސްބާހު ރާއްޖެ އައިސްފައިނުވާ ކަމަށެވެ. އަދި މިސްބާހް، ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

"އެހެންކަމުން މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކުގެ ބެލުމުގެ ދަށުގައި 'ގެރެންޓާ' އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިސްބާހު ފުރާފައިވާ ތާރީހަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 19 ކަމަށް މީގެ ކުރިން ދެންވިފައިވަނީ އޭރު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ.