ބަންގްލަދޭޝްގެ ކޮވިޑުގެ ހާލަތު ގޯސްވެ، މޯލްޑިވިއަނުން އެގައުމަށް ކުރާ ދަތުރުތައް މެދުކަނޑާލައިފިއެވެ.

ބަންގްލަދޭޝްގައި ކޮވިޑުގެ ކޭސްތައް އިތުރުވުމާ ގުޅިގެން، ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ރާއްޖެ އާއި ބަންގްލަދޭޝާ ދެމެދުގެ ވައިގެ ދަތުރުތައް މެދުކަނޑާލަން އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.

މޯލްޑިވިއަނުން މިއަދު ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން މޯލްޑިވިއަނުން ޑާކާއަށް ކުރަމުންގެންދާ ދަތުރުތައް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ ހުކުރު ދުވަހު ޑާކާއިން މާލެއަށް ކުރަން ނިންމާފައިވާ ދަތުރު މާދަމާ މެންދުރުފަހު 2:25 އަށް އަވަސްކޮށްފައިވާ ކަމަށެވެ.

ބަންގްލަދޭޝްގައި ކޮވިޑުގެ ހާލަތު ގޯސްވެ، މިހާތަނަށް 802,000 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި 12,000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑްގައި އެގައުމުން މަރުވެފައެވެ. މިދިޔަ މަހު އެކަނިވެސް އެގައުމުން ވަނީ 30،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.