ޚަބަރު

ކޮވިޑުގައި 10 އަހަރުގެ ކުއްޖަކު މަރުވުން: އެމްބިއުލެންސް ފޮނުވުން ލަސްވި މައްސަލަ ބަލަނީ

މުއާވިޔަތު އަންވަރު

1

އިމަޖެންސީ ކޯލަކަށް އެމްބިއުލެންސް ފޮނުވުން ލަސްވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ، ރޭ އައިޖީއެމްއެޗް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އައި އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވުމާއި ގުޅިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސް ދިއުން ލަސްވެފައިވާ ކަމަށް އާއިލާއިން ބުނެފައިވަނި ކޮށެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިބުނު އިމެޖެންސީ ކޯލަކަށް އެމްބިއުލެންސް ފޮނުވުން ލަސްވި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

"މި ހާދިސާއަށް ފަހު އެމްބިއުލެންސް ފޮނުވުމުގައި އަމަލުކުރާ އުސޫލަށް ވަގުތުން ވާނީ ބަދަލުތައް ގެނެސްފައި،" ހެލްތު މިނިސްޓްރީގެ ޓުވީޓްގައި ވަނީ ބުނެފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑަށް ޕޮޒިޓިވްވުމުން 10 އަހަރުގެ އެ ކުއްޖާއާއި އާނާގެ އާއިލާ ތިބީ ގޭގައި ކަރަންޓީނު ވެގެންނެވެ. އަދި ކުއްލިއަކަށް ހާލު ދެރަވާން ފެށުމުން ރޭގަނޑު ނުވައެއް ޖަހާއެހައިކަންހާއިރު އެޗްޕީއޭއަށް އެކަން އަންގައި އެމްބިއުލެންސް ފޮނުވައި ދިނުމަށް އާއިލާ އިން އެދުނެވެ. އެމްބިއުލާންސް ދިއުން ލަސްވުމުން، އައިޖީއެމްއެޗަށް ގުޅުމުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނީ އެޗްޕީއޭ އިން ކަމަށް ބުނި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އަދި ތިން ގަނޑިއިރު ވާން ކައިރި ވެފައި ވަނިކޮށް އެމްބިއުލެންސް ދިޔައިރު ކުއްޖާ ވަނީ ހޭނެތި ހާލު ވަރަށް ބޮޑަށް ދެރަވެފަ އެވެ.