ކުޅުދުއްފުށި ސިޓީން މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ މީހަކު ރަހީނުކޮށް ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. މި ދެ މީހުންނަކީ އުމުރުން 24 އަހަރާއި 25 އަހަރުގެ ދިވެހި ފިރިހެނުންނެވެ. އަދި ރަހީނު ކުރި މީހާ އެރުވި ކާރު ކަމަށް ބުނާ ކާރެއްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ހިނގި މިހާދިސާގައި ރަހީނު ކޮށް އަނިޔާ ކުރުމުގެ ސަބަބުން ކުޅުދުއްފުށީ، ރަތްފުސްގޭ، އަހުމަދު އިބްްރާހިމް ހާލު ސީރިއަސް ވެ ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ބޮލަށް ދަގަނޑުބުރިއަކުން ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އާއިލާއިން ވަން އަށް މައުލޫމާތު ދީފައިވެ އެވެ.

އުމުރުން 29 އަހަރުގެ އަހުމަދަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. ނަމަވެސް ސިކުނޑި ދުޅަވެފައިވާތީ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އާއިލާއިން ކުރިން ބުންޏެވެ. އޭނާގެ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށް އޭނާގެ ބައްޕަ އިބްރާހިމް ހުސައިން "ވަން" އަށް މިއަދު ވަނީ ބުނެފަ އެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ހޭއަރާ ކަމަށް އޭނާ ބުންޏެވެ.

"ޑޮކްޓަރުން އަދި އުއްމީދު ކަނޑައެއްނުލާ. ބުނަނީ މިހާރު ކޮންމެވެސް ވަރަކަށް ހޭ އަރާ ކަމަށް. އެކަމަކު ސިކުނޑި ދުޅަވުން އަދިވެސް ނުހުއްޓޭ. ހާލު ހަމަ ސީރިއަސް. ވަކި ބަދަލެއް ނާދޭ ހާލަތަކަށް. ދެން އޮންނާނީ ދުއާ ކުރުން. ޑޮކްޓަރުންނަށްވެސް މަސައްކަތް ކުރެވޭނީ." އަސަރާއެކު އަހުމަދުގެ ބައްޕަ ބުންޏެވެ.

އަހުމަދަށް އަނިޔާކޮށްފައި ވަނީ ކާރަކަށް އަރުވައިގެން ކުުދުއްފުށީ ފުއްޓަރާ ވީ ފަޅިޔަށް ގެންގޮސް ފަޅު ހިސާބުގަ އެވެ. އަދި އޭނާއަށް އަނިޔާކޮށް އެ ސަރަހައްދަށް އެއްލައިލުމުން ތެދުވެ އަމިއްލަޔަށް ހިނގާފައި ގޮސް އެހީއަށް އެދުނީ މީހުން ދިރިއުޅޭ ހިސާބަށް ގޮސް ގެއެއްގެ ދޮރުގައި ޓަކި ޖަހައިގެންނެވެ.