އެއީ އާއިލާ އެންމެން އެންމެ ލޯބިވާ "ދޫންޏެވެ." ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުފަންވީއިރުވެސް ހާއްސަ ކަމެއް ހުރި ލޯބިވާ އެ ދަރިފުޅަށްޓަކައި އެ ދެމަފިރީންގެ ހުރިހައި ވަގުތެއް ހުސްކުރި އެވެ. ހުރިހައި ގޮތަކުން އެ ދަރިފުޅު ހާއްސައެވެ.
މިއީ ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި އެންމެ ހަގު ކުއްޖާ އެވެ. ހދ. ކުޅުދުއްފުއްޓަށް އުފަން އުމުރުން އެންމެ 10 އަހަރުގެ މިޝްކާ މުހައްމަދު މަރުވީ އައިޖީއެމްއެޗްގެ އީއާރްގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ކޮވިޑަށް ޕޮޒިޓިވް ވެ ކަރަންޓީނުގައި ހުރުމުގެ ސަބަބުން މިޝްކާގެ ހާލު ސީރިއަސް ވެ، ހޮސްޕިޓަލަށް ގެންދިޔުމަށް އެމްބިއުލާންސެއް ދިޔައީ ގުޅައި ގުޅައި ވަރުބަލި ވެ، އޭގެ އެތަކެއް އިރެއް ފަހުން ކަމަށް އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ. އެޗްޕީއޭގެ އުސޫލު ބުނާގޮތުން، ޕޮޒިޓިވް ވެ، ކަރަންޓީނުގައި ތިބޭ މީހުން ސިއްހީ ފަރުވާއެއް ބޭނުންވިޔަސް އެޗްޕީއޭއަށް ގުޅައިގެން ހުއްދަ ދިނުމުން ނޫނީ އެއްވެސް ސިއްހީ ހިދުމަތްދޭ ތަނަކަށް ދިޔުމަކީ މަނާކަމެކެވެ.
އާއިލާއިން "ވަން" އަށް މައުލޫމާތު ދިން މިޝްކާގެ ބޮޑުބޭބެ ބުނި ގޮތުގައި ކުޑަ ކުޑަ މިޝްކާ ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ އިރު އޮއްސުމާ ހަމަޔަށްވެސް ހުރީ ރަނގަޅަށެވެ. ކުޑަކޮށް ހުން އައި ނަމަވެސް އިތުރު މައްސަލައެއް ދިމައެއް ނުވެ އެވެ. އެއީ މިޝްކާ ބައްޔަށް ޕޮޒިޓިވް ވިތާ ހަތް ވަނައަށް ވީ ދުވަހުގެ ރެ އެވެ.
"މިދިޔަ މަހުގެ 31 ވަނަ ދުވަހުގެރޭ ކުއްލިއަކަށް މިޝްކާ ނޭވާލާން އުނދަގޫ ވެ މާބޮޑަށް ސަކަރާތްވާތީ ނުވައެއް ޖެހި އިރު އެޗްޕީއޭއަށް ގުޅާފަ ބުނިން ވެގެން އުޅޭ ގޮތް. އަދި ވީ އެންމެ އަވަހަށް އެމްބިއުލާން ފޮނުވަންވެސް އެދުނިން. އެކަމަކު ގުޅާ ކޮންމެ ފަހަރަކު މި ބުނަނީ މެޑިކަލް ޓީމަށް އިންފޯމް ކޮށްފީމޭ ކުޑަ އިރުކޮޅަކުން ދާނެޔޭ. އޭރު މިޝްކާގެ ހާލު ގޯސްވެ ނޭފަތުން ލޭ އާދޭ. މަޑު މަޑުން ވިންދު ދަށްވަމުން މިދަނީ މައިންބަފައިން ކުރިމަތީގަ. އެޗްޕީއޭއިން ފޮނުވާ އެމްބިއުލާންސް ލަސްވެގެން އައިޖީއެމްއެޗަށްވެސް ގުޅިން އެމްބިއުލާންސެއް ފޮނުވަދޭތޯ. އެކަމަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ވާހަކަ ބުނުމުން އެ މީހުންވެސް އެމްބިއުލާންސް ނުފޮނުވި. އެޗްޕީއޭއިން އެމްބިއުލާންސް ފޮނުވީ އެ ރޭ 11:49ގައި." މިޝްކާ ހާލު ސީރިއަސްވި ގޮތުގެ ވާހަކަ ހިއްސާ ކުރަމުން އޭނާގެ ބޮޑުބޭބެ ބުންޏެވެ.
އޭނާ ބުނީ މިޝްކާ އަކީ އޭޑީއެޗްޑީ ހުންނަ ކުއްޖެއް ކަމުގައި ވީނަމަވެސް އެ އުމުރުގެ އެހެން ކުދިންނާއި އޭނާއާ ވަކި ތަފާތެއް ނެތް ކަމަށެވެ. ކޮވިޑު ޖެހުމުން ހުން އައުން ފިޔަވައި ސިއްހީ ބޮޑު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ނޭވާ ލާން އުނދަގޫ ވެ ހޭނެތިގެން ވެއްޓި ނޭފަތުންނާއި އަނގައިން ލޭ އަންނަން ފެށި ކަމަށާއި އެމްބިއުލާންސް އައި އިރު ނޭވާލުން އެއްކޮށް ހުއްޓިފައިވާ ކަމަށް އޭނާ ބުންޏެވެ.
އައިޖީއެމްއެޗަށް ގެންދިޔައިރު މިޝްކާ އަށް ހާޓްއެޓޭކެއް ޖެހި އެތެރެ ހައްޓަށް ލޭ އެޅެމުން ދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންގޮސް ސީޕީއާރް ދޭންވެސް ވިއްސަކަށް މިނެޓް ނެގި ކަމަށް އޭނާ ބުންޏެވެ. އަދި އޭރު ވަގުތު ފާއިތު ވެ މިޝްކާގެ ސިކުނޑި މަރުވެފައިވާ ކަމަށާއި ވަގުތުން ވެންޓިލޭޓަރަށް ލީ ނަމަވެސް އޭގެ 24 ގަޑި އިރު ފަހުން މިޝްކާ އެންމެނާ ވަކިވެގެން ހިނގައްޖެ ކަމަށް އޭނާ ބުންޏެވެ.
ކުޑަކުޑަ މިޝްކާ އަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ ރޭ ދަންވަރު 12:10ގަ އެވެ. މިއީ ރާއްޖެއިން މި ބަލީގައި މަރުވި އެންމެ ހަގު ކުއްޖާ އެވެ. މި މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 170 އަށް އަރާފަ އެވެ.
މިޝްކާ ތައުލީމު ހާސިލު ކުރަމުން އައީ އިމާދުއްދީން ސްކޫލްގަ އެވެ. އޭނާގެ ޓީޗަރުން ބުނީ އެއީ ވަރަށް ހާއްސަ ކުއްޖެއް ކަމަށެވެ. މޫނުމަތިން އަބަދުވެސް ފެންނާނީ ހިނިތުންވުން ކަމަށެވެ. މޮޅު، ބަސްއަހާ، ކިޔަމަންތެރި ދަރިވަރެއް ކަމަށް ގިނަ ޓީޗަރުން ބުންޏެވެ.
"މިހާރުވެސް ހީވަނީ އެ ލޯބި އަޑުން މިސް އަށް ގޮވާލާހެން. އެންމެ ފަހުން ބޭއްވި އޮންލައިން ކުލާހުގަވެސް މިޝްކާ ބުނި މިސް ދެކެ ވަރަށް ލޯބިވެޔޭ. އެއީ ދިމާވި އެންމެ ފަހު ދުވަސް، ބުނި އެންމެ ފަހު ބަސް. މިސްވެސް މިޝްކާދެކެ ވަރަށް ލޯބިވޭ. މިސް އާއި އާއިލާ ދޫކޮށްފަ ތި ދިޔައީ އެންމެން ރޮއްވާލާފަ. އެއީ އަހަރެންގެ ދަރިއެއް ފަދަ ލޯބިވާ ދަރިވަރެއް. ވަރަށް ހަނދާން ވާނެ. މިސްގެ ހެޔޮ ދުއާ އަބަދުވެސް މިޝްކާއާއެކު ވާނެ." ކުޑަ ކުޑަ މިޝްކާ އަށް ކިޔަވައިދެއްވާ ޓީޗަރަކު އޭނާގެ ފޭސްބުކުގައި ލިޔެފައިވެ އެވެ.
އިމާދުއްދީން ސްކޫލްގެ އެތައް ޓީޗަރަކު ވަނީ މިޝްކާގެ ލޯބި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. މިޝްކާ އަކީ އުނދަގުލުން ވާ ކަންކަން ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރާ ދަރިވަރެއް ކަމަށާއި ކިޔެވުމަށް މޮޅު ގާބިލު ދަރިވަރެއް ކަމަށް ގިނަ ޓީޗަރުން ވަނީ ފާހަގަ ކޮށްފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އިމާދުއްދީން ސްކޫލްގެ ފޭސްބުކް ޕޭޖަށް ދޫކޮށްލި ވީޑިއޯއެއްގައި މިޝްކާ ވަނީ އޭނާ ކޮވިޑް-19އިގެ އުސޫލުތަކަށް ތަބާވާނެ ކަމަށް ވައުދުވާ ކަމަށެވެ. އަދި އެހެން މީހުންވެސް ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް މިޝްކާވަނީ ނަސޭހަތްދީފަ އެވެ.
މިޝްކާ ވައުދުވި ފަދައިން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އޭނާ ހުރީ ކޮވިޑު-19 އާއި ގުޅިގެން އެޗްޕީއޭ އިން އެކުލަވާލާފައިވާ އުސޫލުތަކަށް ބޯލަނބައިގެންނެވެ.
މިޝްކާ މަރުވުމުގައި އިހުމާލެއް އޮތް ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމް "ވަން" އަށް މިއަދު ވިދާޅުވީ މިޝްކާ މަރުވި މައްސަލާގައި އާއިލާގެ ކިބައިން މައާފަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާނެ ކަމަށާއި މި މައްސަލަ ތަހުގީގުކޮށް އިހުމާލެއް އޮތްތޯވެސް ބަލާނެ ކަމަށެވެ.
ކޮވިޑު ބަލީގައި ގިނަ ބަޔަކު މަރުވަމުންދާ މި ދުވަސް ކޮޅު އެޗްޕީއޭ އާއި ކަމާ ގުޅޭ އިދާރާތަކުގެ އިހުމާލުތައް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހާމަކުރަމުންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އިމަޖެންސީގައި ގުޅި މީހަކު ބަލާ ދިއުމަށް އެމްބިއުލާންސް ދިއުން ލަސްވި މައްސަލައެއް ރިވިއު ކުރަމުން އަންނަ ކަމަށެވެ. އަދި މިކަން ހިނގި ގޮތް ބަލައި ތަކުރާރު ވިޔަ ނުދިމަށް ވަގުތުން ފިޔަވަޅު އަޅަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް