ސައިކަލް އެކްސިޑެންޓުގައި، ފަހަތުގައި އިން އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ މަރުވިތާ ހަފުތާއެއް ފަހުން ސައިކަލް ދުއްވަން އިން އަހްމަދު އާތިފް އަބްދުﷲ ހައްޔަރު ކުރި ނަމަވެސް އޭނާ ފިލާފައި ނުވާ ކަމަށް ބުނެފި އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ. ސައިކަލުގެ ފަހަތުގައި އިން ޔަޒްދާން އަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް، މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އޭޑީކޭއިން ބުނީ އެކްސިޑެންޓު ވި ޒުވާނާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އޭރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

އެކްސިޑެންޓްވުމުން ވެސް ސައިކަލް ދުއްވަން އިން މީހާ މަޑު ނުކޮށް ގޮސްފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވަނީ އިއްޔެ އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކޯޓަށް ގެންދިއުމުން ބުނެފައިވަނީ، އެކްސިޑެންޓުގައި މަރުވެފައިވަނީ އޭނާގެ އެކުވެރިއެއް ކަމަށެވެ. ނަމަވެސް ހާދިސާ ހިނގުމުން އޭނާ ފިލި ކަމަށް ފުލުހުން ބުނާ ވާހަކަ އޭނާ ވަނީ ދޮގު ކޮށްފަ އެވެ. އަދި އޭނާގެ ތިން މަހުގެ ތުއްތު ކުއްޖެއް ހުރުމުން ބަންދުގައި ހުރުމުން އެ ކުއްޖާއަށް އަޅައިލާނެ މީހަކު ނުހުންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު މައްސަލައަކަށް ވުމުން މުއްދަތު މަޖިލީހުގައި އިންނެވި ގާޒީ ސަފްއަތު ހަބީބު ވަނީ ބަންދަށް 10 ދުވަސް އިތުރު ކޮށްދީފަ އެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޔަޒްދާންގެ ކަރަށް ވަނީ ގާޑިޔާގެ މުއްގަނޑު ހެރިފައެވެ.

ދެ ސައިކަލެއް ވެއްޓިފައި އޮންނަ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ. އަދި ސައިކަލުތައް ކައިރިން ޔަޒްދާން ކަރުގައި އަތް އަޅައިގެން މަޑުމަޑުން ހިނގާފައި ދާ މަންޒަރުވެސް ފެނެއެވެ. ހިނގާފައި ގޮސް ދެން ފެންނަނީ އޭނާ ކުއްލިއަކަށް ވެއްޓޭ ތަނެވެ. އަދި ކައިރީގައި ހުރި އެހެން މީހަކު، ޓީޝާޓު ބޭލުމަށްފަހު ޔަޒްދާންގެ ކަރުގައި އޮޅައި ލޭ މަނާކުރުމަށް މަސައްކަތް ކުރާތަންވެސް އެ ވީޑިއޯ އިން ފެނެއެވެ.