ޕެންޑަމިކަކާއެކު ދުނިޔޭގެ ދަތުރުފަތުރުތައް ހުއްޓާލިއެވެ. ގިނަ ބަޔަކު އެބަޔަކު ތިބި މަންޒިލެއްގައި ތާށިވީއެވެ. ގައުމުތަކުގެ ފުރަބަންދާއެކު އިގުތިސޯދުތައް ހުއްޓުމަކަށް އައެވެ. އެއީ އުނދަގޫ ހާލަތްތަކެއް ނަމަވެސް ފައިސާ ގެންގުޅުނު މަހުޖަނުން ވަނީ އެ ހާލަތުގައިވެސް ފޫހިކަމެއް ނެތި ދަތުރުކޮށް، ލަގްޒަރީ ދިރިއުޅުމުގައި އުޅެފައެވެ.
ޕެންޑަމިކްގެ ތެރޭގައި ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް ބައެއް މަހުޖަނުން އޭރުވެސް ރިސޯޓްތަކުގައި، މުޅި ރެސޯޓް ހިފައިގެންވެސް އުޅެފައިވެއެވެ. އަނެއް ބަޔަކު އަމިއްލަ ޖެޓުގައި ދުނިޔެ ވަށައި ދުއްވީއެވެ. އޭގެ ތެރެއިން އެކަކީ އިނގިރޭސި ލީގުގެ ނިއުކާސަލް ޔުނައިޓެޑްގެ ވެރިޔާ މައިކް އެޝްލީއެވެ. އެޝްލީއަކީ ބިލިއަނަރެކެވެ. އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ސްޕޯޓްސް ޑައިރެކްޓްގެ ވެރިޔާ އެޝްލީ ވަނީ ޕެންޑަމިކްގެ ހާލަތު ދުނިޔެއަށް އެންމެ ބޮޑުވެފައިވާ ދުވަސްވަރުގައި އަމިއަލް ޖެޓުގައި 90 ދަތުރު އަޅައިފައެވެ.
އެޝްލީގެ ދަތުރުތައް ގާތްގަނޑަކަށް 145000 މޭލަށް ކޮށްފައިވާއިރު، އޭނާ ދަތުރުތައް ކުރީ މިދިޔަ އަހަރުން ފެށިގެން ނުވަ މަސް ދުވަހުގެ ތެރޭގައެވެ. މުޅި އަހަރު ދުވަހު އެޝްލީ ޗުއްޓީގައި އުޅެފައި ވަނީ އޭނާގެ ޑަސޯލްޓް ފަލްކަން 7އެކްސް ޖެޓުގައެވެ. ޖެޓުގައި އެޝްލީ ވަނީ 15 ގައުމެއްގެ 34 މަންޒިލަކަށް އެ ނުވަމަސް ތެރޭގައި ދަތުރު ކޮށްފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުބޮޑެތި، މަގުބޫލު ޓޫރިސްޓް މަންޒިލުތައް ކަމަށްވާ ރާއްޖެއާއި، ޑުބާއީ، ޕޯޗުގަލް، މަޔާމީ، އޮރްލާންޑޯ، ރެޓޭ، މަޔީކާ، އަދި އިބީޒާ ހިމެނެއެވެ. އެޝްލީ ދަތުރުތައް ފެށީ 2020 ވަނަ އަހަރު ޖޫން މަހުގައެވެ.
އެޝްލީގެ 38 މިލިއަން ޕައުންޑްގެ ޖެޓުގައި އޭނާ ވަނީ ލަންޑަނަށްވެސް ގިނަ ދަތުރުތަކެއް ކޮށްފައެވެ. އޭރު ލަންޑަން އޮތީވެސް ތިން ފަހަރަކަށް ފުރަބަންދުކޮށް، އެއާޕޯޓްވެސް ބަންދުކޮށްފައެވެ. ލަންޑުނުން ކޮންމެހެން ކުރަން ޖެހޭ ވިޔަފާރި ދަތުރުތަކަށް އޭރުވެސް އޮތީ ހުޅުވާލައިފައެވެ. އެހެންނަމަވެސް އިނގިރޭސި މީޑިއާތަކުން ބުނެފައި ވަނީ ދަތުރުކުރުމަށް ނަގަން ޖެހޭ ހުއްދަތައް ފުރިހަމަ ކުރުމަށް އެޝްލީގެ ޓީމުން އިސްކަން ނުދޭ ކަމަށެވެ.
އެޝްލީއަކީ ފުޓުބޯޅައިގައި ބާރުގަދަ ވެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވިފައިވާއިރު، ދަތުރުތައް ކޮށްފައިވާ ޖެޓަކީ 16 މީހުންގެ ޖެޓެކެވެ. ޖެޓުގައި އެނދާއެކު ފްލައިޓް އެޓެންޑެންޓުންނަށް ހާއްސަ ޖާގަތަކާއި ކެއްކޭނެ އިންތިޒާމުވެސް ހުރެއެވެ. މިއީ ފުޓުބޯޅައި ބިލިއަނަރަކު އޭނާގެ ޕެންޑަމިކް ހޭދަކުރި ގޮތުގެ ވާހަކައެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު